Last Updated: April 25, 09:40
Thursday, April 25, 2024
ޚަބަރު

ޗައިނާ ރައީސަށް އުމުރަށް ވެރިކަން ކުރެވޭ ގޮތަށް ހަދައިފި

ޗައިނާގެ ރިޔާސީ ދައުރު އުނިކޮށް، ގައުމުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ޝީ ޗިންޕިން ދިރިހުރި ހުރިހާ ދުވަހަކު އެގައުމުގެ ރައީސްގެ މަގާމުގައި ހުރެވޭ ގޮތަށް ގާނޫނު ބަދަލުކޮށްފިއެވެ.

ފާއިތުވެދިޔަ 14 އަހަރުގެ ތެރޭގައި ޗައިނާގެ ގާނޫނަށް ބަދަލު ގެނައި ފުރަތަމަ ފަހަރު، ރިޔާސީ ދައުރު އުވާލަން ހުށައަޅާފައިވާއިރު މިހުށައެޅުމާ އެއްކޮޅަށް 3،000 މަންދޫބުންގެ ތެރެއިން 2،964 މެމްބަރަކު ވަނީ ވޯޓު ދީފައެވެ. ދެކޮޅަށް ވޯޓު ދިނީ އެންމެ ދެ މެމްބަރުންނެވެ. އަދި އެއް މެމްބަރަކު ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދީފައެވެ.

ޗައިނާގެ ރައީސްގެ މަގާމަށް ޝީ ޗިންޕިން ވަޑައިގަތީ 2013 ވަނަ އަހަރުގައެވެ. ވެރިކަމާއި ހަވާލުވިފަހުން އޭނާ ވަނީ އެކި ގޮތްގޮތަށް ވެރިކަމުގައި އޭނާގެ އަތް ގަދަ ކޮށްފައެވެ.

އެންމެ ފަހަކަށް 10 އަހަރު ދުވަހަށް އޮންނަ ރިޔާސީ ދައުރު އުވާލައި، އުމުރަށް ވެރިކަން ކުރެވޭ ގޮތް ވެސް ޝީ ވަނީ ހައްދަވާފައެވެ.

ދިވެހި ރާއްޖެއާއި އެންމެ ބޮޑު ގުޅުމެއް މިހާރު ބާއްވަމުން އަންނަ ޗައިނާއިން ވަނީ ރާއްޖެއަށް ބޭރުގެ ސިފައިން އެރުމުގެ ޖާގައެއް ނުދޭނެ ކަމަށް ބުނެފައެވެ. އަދި ރާއްޖޭގައި ޗައިނާގެ ގިނަ އިންވެސްޓުމެންޓުތައް މިހާރުވެސް ކުރިއަށް އެބަދައެވެ. ދެގައުމުގެ ދެމެދުގައި ފްރީ ޓްރޭޑް އެގްރީމެންޓެއް ވެސް ވަނީ އެކުލަވާލެވިފައެވެ.