ދިވެހިރާއްޖޭގެ ޤައުމީ އެއާލައިން ކަމުގައިވާ 'މޯލްޑިވިއަން' ގެ ފްލީޓަށް އިތުރު މަތިންދާބޯޓެއް ގެނެސް، އެ އެއާލައިންގައި ބޭނުންކުރާ މަތިންދާބޯޓުގެ އަދަދު 23 އަށް އިތުރުކޮށްފި އެވެ.
'މޯލްޑިވިއަން' ގެ ފްލީޓްގެ 23 ވަނަ މަތިންދާ ބޯޓު ގެނެސްފައި ވަނީ މިއަދު އެވެ. އެ އިވެންޓް "ޕީއެސްއެމް" އިން ވަނީ ލައިވްކޮށް ގެނެސްދީފައެވެ.
ނިއު ޒީލެންޑުން ފުރައިގެން ރާއްޖެ އައި މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމުން އެ ބޯޓަށް ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ.
Arrival of our 23rd addition to the Maldivian fleet pic.twitter.com/m3elLXjfIE
— Maldivian (@MaldivianAero) March 11, 2018
'މޯލްޑިވިއަން' ގެ ފްލީޓް އިތުރަށް ފުޅާކުރުމުގެ އުފަލުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ޚާއްސަ ޙަފްލާއެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރުގެ އިތުރުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
'މޯލްޑިވިއަން' އިން ބުނީ އެ ކުންފުނިން މިއަދު ގެނައި މަތިންދާބޯޓަކީ މިހާރު ވެސް އެތެރޭގެ އުދުހުންތަކުގައި އާންމުކޮށް ބޭނުން ކުރަމުން އަންނަ ޑޭޝް 8 މަރުކާގެ، 50 މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ.
2013 ވަނަ ރައީސް އަބްދުﷲ ޔާމީން ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން އަހަރެއްގެ މައްޗަށް 'މޯލްޑިވިއަން' ގެ ފްލީޓަށް ހަތަރު މަތިންދާ ބޯޓު އިތުރުވާ ކަމަށް މިއަދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
Congratulations @MaldivianAero adding the 23rd Aircraft to the fleet. 4 additional flights per year since HE President Yameen took office in 2013. From 50 landing take offs to 125 landing takeoffs per year on increase annually. #Respect 🇲🇻 #NationFirst pic.twitter.com/KgvALDGyCk
— Mohamed Saeed (@em_saeed) March 11, 2018
މިއަދު އިތުރު ކުރެވުނު މި ބޯޓާއި އެކު 'މޯލްޑިވިއަން' އިން އެެތެރޭގެ އުދުުހުންތަކުގައި ބޭނުންކުރާ ބޯޓްތަކުގެ އަދަދު 10 އަށް އިތުރުވެގެން ދާނެ އެވެ.
އެ ކުންފުނިން ބޭރުގެ ދަތުރުތަކުގައި ބޭނުން ކުރަމުން އަންނަނީ އެއާބަސް 321 މަރުކާރުގެ، 200 މީހުންގެ ޖާގައިގެ ބޯޓަކާއި، އެއާބަސް 320 މަރުކާގެ، 150 މީހުންގެ ޖާގައިގެ ބޯޓެކެވެ.
'މޯލްޑިވިއަން' ގެ ދަތުރުތައް މިހާރު ރާއްޖޭގެ އިތުރުން ޗައިނާގެ ހަތް މަންޒިލަކަށާއި، އިންޑިއާގެ ދެ މަންޒިލް އަދި ތައިލޭންޑްގެ ބެންކޮކްގެ އިތުރުން ބަނގްލަދޭޝްގެ ޑާކާ އަށްވެސް ކުރެއެވެ.
މޯލްޑިވިއަން އިން ބުނީ، މިއަދު އަލަށް ގެނައި މަތިންދާބޯޓު އާންމުކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރި ނަމަވެސް، އިންޑިއާގެ ޓްރިވެންޑްރަމަށް ދަތުރު ކުރަން ވެސް ބޭނުން ކުރާނެ ކަމަށެވެ.
މަތިންދާބޯޓުގެ އިތުރުން މޯލްޑިވިއަންގެ ފްލީޓްގައި ދެން ހިމެނެނީ 11 ސީޕްލޭނެވެ. ސީޕްލޭން އިން ރާއްޖޭގެ 14 ރިސޯޓަކަށް ދަތުރު ކުރެ އެވެ.
'މޯލްޑިވިއަން' އިން ދަނީ މަތިންދާބޯޓުތައް އިތުރުކޮށް، ރާއްޖޭން ބޭރުގެ އިތުރު މަންޒިލުތަކަށް ދަތުރުތައް ފެށުމަށް ވެސް މަސައްކަތް ކުރަމުންނެވެ.