ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފިއެވެ.
އެނގިފައިވާ ގޮތުގައި ތަހުޤީޤު ކުރުމަށްފަހު، ދައުވާ ކުރަން ޕީޖީއަށް ފޮނުވި އެ މައްސަލަތައް އަނބުރާ ފުލުހަށް ފޮނުވާލާފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
އެހެންނަމަވެސް ޕީޖީން އެ މައްސަލަތައް ބަލައި ނުގަނެ، ފުލުހަށް އަނބުރާ ފޮނުވާލި ސަބަބެއް އެނގިފައެއް ނުވެއެވެ.
ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށް ދައުވާކުރަނީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ހެކި ނައްތާލި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައެވެ.
މި ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލާފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސައްހަކަމާމެދު ޕީޖީ އައިޝަތު ބިޝާމް ސުވާލު އުފައްދަވާފައި ވަނިކޮށެވެ.
ޕީޖީ ބިޝާމް ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު އިތުރުކޮށްފައި ވަނީ ކަނޑައެޅިގެން ޤާނޫނު އަސާސީ އާއި ޚިލާފަށް ކަމަށާއި، އެހެންކަމުން ކުއްލި ޙާލަތުގެ މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ ފުލުހުންނަށް ސިޓީއެއް ފޮނުއްވާފަ އެވެ.
މި ބޭފުޅުންގެ މައްޗަށް ވަނީ ރިޝްވަތުގެ މައްސަލައެއްގެ ތުހުމަތާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް ކޮށްފައެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވެފައިވަނީ މިބޭފުޅުންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކަށް ހެކި ލިބިފައިވާ ކަމަށެވެ.