Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ޓޭންކަރު މައްސަލަ ބައިނަލްއަޤްވާމީ ތަހުޤީޤަކަށް

ދިވެހި ދިދަ ޖެހި ޓޭންކަރުން އުތުރު ކޮރެއާގެ އުޅަނދަކަށް އެއްޗެހިތަކެއް އަރުވަނިކޮށް ޖަޕާނުން ނަގާފައިވާ ފޮޓޯއެއް---

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކާއި ރާއްޖޭގެ ތެޔޮ ޓޭންކަރަކުން ކަނޑުމަތީގައި މަނާ މުއާމަލާތްތަކެއް ކުރަނިކޮށް ފެނުނު މައްސަލާގައި ކުރަމުން ދަނީ ބައިނަލްއަޤްވާމީ ތަހުޤީޤެއް ކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން އެހެން ބުނެފައިވަނީ މިއަދު ބޭއްވި ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.

އެ މައްސަލައިގެ ތަހުޤީޤު ކުރަމުން ދަނީ ރާއްޖޭގެ އިތުރުން ބޭރުގެ ބައެއް އިސް ޤައުމުތަކުގެ ވެސް ބައިވެރިވުމާއެކު ކަމަށާއި، އެ ތަހުޤީޤަށް ރާއްޖެއިން ޙިއްސާ ކުރަން ޖެހޭ ކަންކަން ވެސް ޙިއްސާ ކުރަމުންދާ ކަމަށް މިނިސްޓަރު ޝަރީފު ވިދާޅުވިއެވެ.

ރާއްޖޭގެ ދިދަ އެ ޓޭންކަރުގައި ޖަހައިގެން އުޅުނު ދުވަސްވަރާއި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރި ދުވަސްވަރާއި ދިމާވުމާއި، އެކަމާ ގުޅިގެން އެޅިފައި ހުރި ބައެއް ފިޔަވަޅުތަކުން އެކަމަކީ ވަރަށް ބޮޑަށް ރާވައިގެން ހިންގާފައިވާ ބޮޑު ކުށެއްކަން ހާމަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ދިވެހި ދިދަ ޖަހާފައި ވާ ޓޭންކަރަކުން އުތުރު ކޮރެއާއަށް ތެޔޮ ވިއްކާ ކަމަށް ބުނެ އެންމެ ފުރަތަމަ ޚަބަރު ފެތުރީ ޖަޕާނުންނެވެ.

ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުން، ދިވެހި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ތެޔޮ ޓޭންކަރެއް ކަމަށްވާ ޝިން ޔުއާން 18 އާއި އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރެއް ކަމަށްވާ ޗޮން މާން ސަން ފެނުނީ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ ދަންވަރު، ޝަންހާއީގެ އިރުން 250 ކިލޯމީޓަރު ބޭރުން އުތުރު ޗައިނާ ކަނޑުގެ ސަރަހައްދުން ކަމަށެވެ.

ޖަޕާންގެ މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ ވައިގެ ސިފައިންނަށް މި ދެ އުޅަނދު ފެނުނީ "ދެ އުޅަނދު އެކަތި އަނެކަތީގައި ބަނދެލައިގެން އޮވެ، ބޮކިތައް ދިއްލައިގެން، ޝައްކު ކުރެވޭ ފަދަ މުއާމަލާތްތަކެއް ހިންގާ ފަދަ ގޮތަކަށް" ކަމަށް ޖަޕާންގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް ސަރުކާރުން ވަނީ އެފަދަ އެއްވެސް މުއާމަލާތެއް ކުރިކަން ވަގުތުން ދޮގުކޮށްފައެވެ. އަދި ދިވެހި ދިދައެއް ޓޭންކަރުގައި ހުއްޓަސް، އެއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތް ޓޭންކަރެއް ނޫން ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުންވަނީ ގދ.މަޑަވެލި އަރިނަގާގެ، އަބްދުﷲ ފަހުމީ ހައްޔަރުކޮށްފަ އެވެ. އަދި ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ޓެރަރިޒަމަށް މަގުފަހިވާފަދަ އަމަލުތައް ހިންގުމުގެ ދައުވާއާއި އެކު ގިނަ ދައުވާތަކެއް އުފުލާފައެވެ.

ގާނޫނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ދައުވާވެސް ފަހުމީގެ މައްޗަށް އުފުލާފައިވެއެވެ. މީގެ އިތުރުން ޓްރާންސްޕޯޓު އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑކިއުމެންޓުތަކެއް ތައްޔާރުކޮށް އަދި އެ އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހަދައި އެ ތައްގަނޑު ބޭނުން ކުރުމަށްފަހު އެ އޮތޯރިޓީގައި ކުރިން މަސައްކަތްކޮށްފައިވާ އިސް ފަރާތެއްގެ ނަމުގައި ޖީމެއިލްއެއް ހަދައި އެ ޖީމެއިލް ބޭނުންކޮށްގެން އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަންއަށް ސައްހަ ނޫން މެއިލްތަކެއް ފޮނުވައި ރާއްޖޭގައި އެއްވެސް އިރެއްގައި ރަޖިސްޓްރީކޮށްފައި ނުވާ ބޯޓަކަށް ސައްހަ ނޫން ކޯލް ސައިންތަކެއް ހަދައި އެ ބޯޓުގައި ރާއްޖޭގެ ދިދަ ބޭނުންކޮށްގެން ސައްހަ ނޫން މުއާމަލާތް ހިންގި ކަމުގެ ތުހުމަތު ވަނީ އުފުލާފައެވެ.

އަދި ސަރުކާރު ވައްޓާލަން އެކި ފަރާތްތަކަށް ފައިސާ ދިން ކަމަށްވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. ފަހުމީ ހައްޔަރުކޮށްފައިވަނީ މާޗު ފަސްވަނަ ދުވަހު މާލެއިންނެވެ.