އުތުރު ކޮރެއާގެ އުޅަނދަކަށް ދިވެހި ދިދަ ޖެހި ބޯޓަކުން ތެލުގެ މުއާމަލާތެއް ހިންގާފައިވަނީ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ކަމަށާއި އެއީ ދިވެހި ސަރުކާރާ އެއްވެސް ވަރަކަށް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ކައުންޓާ-ޓެރަރިޒަމް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ޓޭންކަރު މައްސަލާގައި އދ. އިންވެސް ބައިވެރިވާ ބައިނަލް އަގުވާމީ ތަހުގީގެއް ކުރިއަށް އެބަދާ ކަމަށެވެ.
އެ ތަހުގީގަށް ސަރުކާރާއި ދިފާއީ ބާރުން ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި، ތަހުގީގަށް އަސަރު ކޮށްފާނެތީ އެއާ ގުޅޭ ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ޓޭންކަރު މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވަނީ އެކަކެވެ. އެއީ ގދ. މަޑަވެއްޔަށް ނިސްބަތްވާ އަބްދުﷲ ފަހުމީއެވެ. ފަހުމީގެ މައްޗަށް ޓެރަރިޒަމަށް މަގުފަހިވާފަދަ އަމަލެއް ހިންގުމާއި ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ އިތުރުން ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފައެވެ.
އޭގެ ތެރޭގައި ސައްހަ ލިޔުމަކަށް ބަދަލު ގެނެސް، އެ ނަކަލު ކުރުމާއި ރިޝްވަތު ދިނުމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑޮކިއުމަންޓްތަކެއް ތައްޔާރު ކުރުމާއި އެ އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހަދައި އެ ބޭނުން ކުރުން ވެސް ހިމެނެ އެވެ.
މިހާތަނަށް ފަހުމީ ނުވަތަ އޭނާގެ ވަކީލުންގެ ފަރާތުންވެސް މިމައްސަލައާ ގުޅޭ ގޮތުން އެއްވެސް ބަހެއް ލިބިފައެއް ނުވެއެވެ. ސަރުކާރުން ވަނީ ޖަޕާނުން ރާއްޖޭގެ ދިދަ ޖެހި ބޯޓަކުން އުތުރު ކޮރެއާގެ އުޅަނދަކާ ސައްހަ ނޫން މުއާމަލާތެއް ހިންގާފައިވާ ކަމަށް ބުނުމާއެކު އެ ބޯޓަކީ ދިވެހި ސަރުކާރާއި އެއްވެސް ގުޅުމެއް އޮތް ބޯޓެއް ނޫން ކަމަށް ބުނެފައެވެ.