Last Updated: June 14, 18:09
Sunday, June 14, 2026
ޚަބަރު

ފާރިސްގެ ހެކިންގެ ގޮތުގައި ޔަމީނާއި އިތުރު 62 ނަމެއް

މަޖްލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫންގެ ދިފާއީ ހެކީގެ ގޮތުގައި އެމަނިކުފާންގެ ބޮޑުބޭބޭފުޅު އަދި ރައީސް އަބްދުﷲ ޔާމީން އާއި އެކު 62 މީހެއްގެ ނަން ހުށަހަޅުއްވައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ރައީސް ޔާމީންގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި ފާރިސްގެ ޅިޔަނު އަހުމަދު އަރީފް އާއި މިހާރުގެ އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ނަން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނާއި، އެންޓި ކަރަޕްޝަން ކަމިޝަންގެ ރައީސް ހަސަން ލުޠުފީ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދުގެ އިތުރުން ހަ ފުލުހެއްގެ ނަން ވަނީ ހުށަހަޅާފައެވެ. އަދި 11 ލިއުމެއްވެސް ވަނީ ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

މީގެ އިތުރުންވެސް ފާރިސް ރިޝްވަތު ދެއްވިކަމަށް ބުނެ ދައުލަތުން ހުށަހެޅުއްވި ސިއްރު ހެކިވެރިޔާ އަހްމަދު ޝާފިއުގެ ބަޔާނާއި، ޝާފިއު އާއި މެމްބަރު އަހުމަދު ރަޝީދު އާއި ދެމެދު ހިނގާފައިވާ އެސްއެމްއެސް މުއާމަލާތްތަކާއި، އިސްދޫ ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު ރާއްޖެ ޓީވީ އާއި ޗެނަލް 13އަށް ދެއްވާފައިވާ އިންޓަވިއުތައްވެސް ވަނީ ހުށަހަޅުއްވާފައެވެ.

ދައުލަތުގެ ފަރާތުން ފާރިސް އާއި ދެކޮޅަށް ހުށަހަޅުއްވާފައިވަނީ ފާރިސް ދިރިއުޅުއްވި އެޕާޓްމަންޓް ފާސްކުރި 3 ފުލުހަކާއި އެގެއިން ފެނުނު މެމްބަރުންގެ ނަން ލިޔެފައިވާ ކަރިދާސް ގަނޑަކާއި ޝާފިއުގެ އޯޑިއޯގެ އިތުރުން ސިއްރު ހެކިވެރިއެކެވެ.

މި މައްސަލަ ބެއްލެވި ގާޒީ ހައިލަމް ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކިންގެ ހެކިބަސް ނަގާނެކަމަށެވެ.

ފާރިސް މިވަގުތު ހައްޔަރު ކޮށްފައިވަނީ ކުއްލި ހާލަތުގެ ދަށުންނެވެ.