Last Updated: June 14, 17:56
Sunday, June 14, 2026
ޚަބަރު

ޔާމީނަށް ހަސަދަވެރި ވަނީ ތަރައްޤީ ފެނުމުން: ޠޯރިގް

ރައީސް އަބްދުﷲ ޔާމީން ދެކެ އިދިކޮޅު ފަރާތްތަކުން ހަސަދަވެރިވަނީ އެމަނިކުފާންގެ ޒައާމަތުގައި ރާއްޖެއަށް ގެންނަ ތަރައްޤީ ފެނިގެންކަމަށް އެންވައިރަމެންޓް މިނިސްޓަރ ޠޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ށ.މިލަންދޫގައި ސާފުފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫ ފައްޓަވާ ދެއްވުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ޠޯރިގް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިސަރުކާރާމެދު ހަސަދަވެރި ވަނީ، އެފަރާތްތަކުން ސަރުކާރު ހިންގި އިރު ޤައުމަށް ގެނެސްފައި ނުވާވަރުގެ ތަރައްޤީ ރައީސް ޢަބްދުﷲ ޔާމީންގެ ޒައާމަތުގައި ޤައުމަށް ގެންނަމުންދާތީކަމަށެވެ.

ޠޯރިގް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރުން ދިވެހި ރައްޔިތުންގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ކަމަށެވެ.

ރައީސް މައުމޫނާއި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބޮޑެތި ކަރަޕްޝަން މައްސަލަތައް ހިންގިކަމަށް ތުހުމަތު ކުރައްވައި ޠޯރިގް ވިދާޅުވީ އެ މައްސަލަތައް މި ސަރުކާރުން ނުބަލައި ދޫނުކޮށްލާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީނުގެ ޒައާމަތުގައި ރާއްޖޭގެ އެކި ރަށްރަށުގައި ފަސްދޮޅަސް ހަތަރަކަށްވުރެ ގިނަ ނަރުދަމާ މިއަހަރު ނިމޭއިރު ޤާއިމްކުރެވިގެންދާނެކަމަށެވެ. ނަމަވެސް ރައީސް މައުމޫންގެ ތިރީސް އަހަރާއި ރައީސް ނަޝީދުގެ 3 އަހަރު އަޅާކިޔާއިރު، އެ ތިރިސް ތިން އަހަރުގައިވެސް ރާއްޖޭގައި ޤާޢިމްކުރެވުނީ ހަމައެކަނި އެންމެ ތިރީސް ނަރުދަމާ ކަމަށެވެ.