Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުގެ ތާވަލުން ނަގައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން ބާތިލްކުރުމަށް ބަންޑާރަނައިބު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފައި ވަނިކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގެ ތާވަލުން ނަގައިފިއެވެ.

މި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓްގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

ސުޕްރީމް ކޯޓުގެ ތާވަލުން މި މައްސަލަ ނެގިއިރު އެކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހު 27 ވަނަ ދުވަހަށް ވެސް ތާވަލުކުރި އެވެ. އެހެންނަމަވެސް، ފަހުން ވަނީ އެ އަޑުއެހުން ކެންސަލްކޮށްފައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްފައެވެ.

އެހެންނަމަވެސް، އެމައްސަލައާ ގުޅިގެން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައަކާ ގުޅިގެން ފެބްރުއަރީ އެއްވަނަ ދުވަހު ކުރި އަމުރަށް އަމަލު ކުރުން ފަސް ކުރުމަށް ސްޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންގެ އަގުލަބިއްޔަތުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

މަޖިލިސް މެންބަރުންގެ ގޮނޑިއާ ގުޅޭގޮތުން އަމުރުގައިވާ ބައި ބާތިލްކުރުމަށް ބަންޑާރަނައިބު ވަނީ ހުށަހަޅާފައެވެ. އަދި އެ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް ވެސް ބަންޑާރަނައިބު އެދުނެވެ.

ބަންޑާރަނައިބު އެދުނު ފަދައިން ސުޕްރީމް ކޯޓްގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން ވަނީ، ފެބްރުއަރީ އެއްވަނަ ދުވަހުގެ އަމުރުގެ އެ ބަޔަށް އަމަލުކުރުން ފަސްކުރުމަށް އަންގައި ފެބްރުއަރީ 18 ވަނަ ދުވަހު އަމުރު ނެރެފައެވެ.