Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ނައިފަރު ކައުންސިލް ރައީސްގެ ފޯނު އަތުލައިފި

ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ނަޝީދާއެކު - ފޮޓޯ: ފޭސްބުކް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ޅ. ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމްގެ ފޯނު ފުލުހުން މިއަދު ހިފަހައްޓައިފި އެވެ.

އެމްޑީޕީ ނައިފަރު ދާއިރާގެ ރައީސްކަން ވެސް ކުރައްވާ ކާރިމް މިއަދު މެންދުރު ނައިފަރު ޕޮލިސް ސްޓޭޝަނަށް ހާޒިރު ކުރުމަށް ފަހު ފޯނު އަތުލާފައިވާ ކަމަށް ނައިފަރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝާހިދު ވިދާޅުވި ކަމަށް "މިހާރު" ނޫހުން ރިޕޯޓް ކުރެއެވެ.

ޝާހިދު އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓް ކުރާ ގޮތުގައި އޭނާގެ ފޯން އަތުލީ އެސްއޯއީގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ތުހުމަތު ކުރަނީ ކޮން މައްސަލައެއް ކަމެއް ފުލުހުން ހާމަކޮށްފައިވާ ނުވާކަމަށް ޝާހިދު ވިދާޅުވި އެވެ.

މީގެ އިތުރުން ރިޝްވަތު ދިންކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ ފޯނު ވެސް ފުލުހުން މިއަދު ވަނީ އަތުލައިފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެތައް ބައެއްގެ ފޯނުތައް އަތުލައި އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުންނާއި ޕާޓީތަކުގެ އިސްވެރިން ހިމެނެ އެވެ.