Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

ފާރިސްގެ ރިޝްވަތުގެ ދައުވާގެ ޝަރީއަތެއް މާދާމާއަށް

އަހުމަދު ފާރިސް މައުމޫން-

މިހާރު ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވިފައި ވަނިކޮށް، އެ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ވެސް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން އާންމުކޮށްފައިވާ ޝެޑިއުލްގައި ވާގޮތުން ފާރިސްގެ މައްޗަށް ކުރެވޭ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:30 އަށެވެ.

މާދަމާ އަޑުއެހުމެއް ބޭއްވުމަށް ކޯޓަށް ހާޒިރުވުމަށް ވަކީލުންނަށް އެންގި ޗިޓްގައި ބުނެފައިވަނީ މާދަމާ ޝަރީއަތުގެ އަޑުއެހުމެއް ބާއްވަނީ މައްސަލާގައި ހެކިބަސް ނެގުމަށް ކަމުގައެވެ.

ފާރިސްގެ މައްޗަށްކުރާ ރިޝްވަތުގެ ތުހުމަތުގެ ޝަރީއަތުގައި ދިފާއީ ހެކީގެ ގޮތުގައި ރައީސް ޔާމީންގެ ނަންފުޅާއެކު މިއަދު ހުށައެޅުއްވި ހެކިންނާއި އެކު ހެކިންގެ އަދަދު މިހާރުވަނީ 62 އަށް އަރާފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ފާރިސްގެ ފަރާތުން ދިފާއީ ހެކީގެ ގޮތުގައި ރައީސް ޔާމީންގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާއި ބަންޑާރަ ނައިބް މުހައްމަދު އަނިލް އާއި ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި ފާރިސްގެ ޅިޔަނު އަހުމަދު އަރީފް އާއި މިހާރުގެ އެކްޓިން ކަމިޝްނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒުގެ ނަން ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނާއި، އެންޓި ކަރަޕްޝަން ކަމިޝަންގެ ރައީސް ހަސަން ލުޠުފީ އާއި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދުގެ އިތުރުން ހަ ފުލުހެއްގެ ނަން ވަނީ ހުށަހަޅާފައެވެ. އަދި 11 ލިއުމެއްވެސް ވަނީ ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

މީގެ އިތުރުންވެސް ފާރިސް ރިޝްވަތު ދެއްވިކަމަށް ބުނެ ދައުލަތުން ހުށަހެޅުއްވި ސިއްރު ހެކިވެރިޔާ އަހްމަދު ޝާފިއުގެ ބަޔާނާއި، ޝާފިއު އާއި މެމްބަރު އަހުމަދު ރަޝީދު އާއި ދެމެދު ހިނގާފައިވާ އެސްއެމްއެސް މުއާމަލާތްތަކާއި، އިސްދޫ ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު ރާއްޖެ ޓީވީ އާއި ޗެނަލް 13އަށް ދެއްވާފައިވާ އިންޓަވިއުތައްވެސް ވަނީ ހުށަހަޅުއްވާފައެވެ.

ޝަހްސު އޮޅުވައިލުމާއި ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް މިހާރުވެސް ހުންނެވީ ފުލުހުންގެ ބަންދުގައެވެ.

ސްޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި މިނިވަން ކުރުމަށް އަމުރުކޮށްފައިވާ ނުވަ ބޭފުޅުންގެ ތެރޭގައި ފާރިސްވެސް ހިމެނިވަޑައިގަންނަވައެވެ.

ފާރިސްގެ އިތުރުން ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން ވެސް ހުންނެވީ ރިޝްވަތުދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގައެވެ.