ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީއާ މެދު ފާރިސްގެ ފަރާތުން ޝަކުވާ ހުށަހެޅުމުން، އެ މައްސަލަ ބެއްލެވުން އެހެން ގާޒީއަކާ ހަވާލުކޮށްފި އެވެ.
އެ މައްސަލަ ކުރިން ބެއްލެވީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމެވެ. ނަމަވެސް، މިހާރު އެ މައްސަލަ ހަވާލުކޮށްފައިވަނީ އަލަށް ކްރިމިނަލް ކޯޓަށް އައްޔަންކުރެއްވި ގާޒީ އަހުމަދު ހައިލަމަށެވެ.
ފާރިސްގެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ އިބްތިދާއީ އަޑުއެހުންތައް ނިންމާލައި ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ.
މިއަދުގެ އަޑުއެހުމުގައި ގާޒީ ހައިލަމް ވިދާޅުވީ އެ މައްސަލަ ބެއްލެވުން އޭނާއާ ހަވާލު ކުރެއްވީ ކުރިން މައްސަލަ ބެއްލެވި ގާޒީއާ މެދު ފާރިސްގެ ފަރާތުން ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު، ކޯޓުތަކުގެ ގާނޫނުގެ ދަށުން އިސްގާޒީއަށް ލިބިދޭ ބާރުގެ ދަށުން، ކްރިމިނަލް ކޯޓު މިހާރު ހިންގަވާ ގާޒީ ކަމަށެވެ.
ގާޒީ ހައިލަމް އަކީ ކުރިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލެއްކަން ފާހަގަކުރައްވައި، ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ ގާޒީ ހައިލަމް ވެސް އެ މައްސަލަ ބެލުމުން ތަނާޒުލްވާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.
ސަބަބެއްގެ ގޮތުގައި މައުމޫން ވިދާޅުވީ ފާރިސްގެ މައްސަލަ ކޯޓަށް ފޮނުއްވިއިރު ވެސް ގާޒީ ހައިލަމް ހުންނެވީ ޕީޖީ އޮފީހުގައި ކަމަށް ވާތީ އެ މައްސަލައާ މެދު ޕީޖީ ގޮތް ނިންމުމުގައި ގާޒީ ހައިލަމްގެ ދައުރެއް އޮވެދާނެ ކަމަށް ބެލެވޭތީ އެވެ.
ނަމަވެސް ގާޒީ ހައިލަމް ވިދާޅުވީ ޕީޖީ އޮފީހުގެ ތެރެއިން އެ މައްސަލާގައި އެއްވެސް ވަރަކަށް ބައިވެރިވަޑައިގެންފައިނުވާނެ ކަމަށެވެ. އަދި ދައުލަތުން ވެސް ވަނީ ޕީޖީ އޮފީހުގައި އެ މައްސަލައާ ގުޅޭ އެއްވެސް ކަމެއްގައި ގާޒީ ހައިލަމް ބައިވެރިނުވާ ކަމަށް ބުނެފަ އެވެ.