Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ޕްރައިވެޓް ޖެޓެއް ވެއްޓި 11 މީހަކު މަރުވެއްޖެ

ތުރުކީގެ ޕްރައިވެޓް ޖެޓެއް ވެއްޓި 11 މީހުން މަރުވެއްޖެއެވެ.

ތުރުކީގެ ސިވިލް އޭވިޝަނުން ބުނީ އިސްތާންބުލް އަށް ދަތުރުކުރަމުން ދަނިކޮށް ހުޅަނގު ދެކުނު އިރާން ކައިރިއަށް ވެއްޓުނު ޕްރައިވެޓް ޖެޓްގައި ޖުމްލަ 11 ފަސިންޖަރުން ތިބި ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ބޯޓުގައި އެވަގުތު ތިބި އެންމެން ވަނީ އެ ހާދިސާގައި މަރުވެފަ އެވެ. އެހެންނަމަވެސް އެ ޚަބަރު އެއްވެސް ރަސްމީ ފަރާތަކުން އަދި ކަށަވަރުކޮށްދީފައި ނުވެއެވެ.

އިރާންގެ އިމާޖެންސީ ސާވިސެސް އިން ދަނީ މިއަދު ވެއްޓުނު ތުރުކީގެ ޕްރައިވެޓް ޖެޓްގެ ބައިތައް ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ރޮއިޓާސް އިން ރިޕޯޓް ކުރެއެވެ.

ބޮމްބާޑިއާ ސީ160 ގެ މަރުކައިގެ މި މަތިންދާ ބޯޓުގައި ފުރަތަމަ 20 ފަސިންޖަރުން ތިބި ކަމަށާއި، އެ ބޯޓު ދަތުރުކުރަމުން ދިޔައީ އެކުވެރި އަރަބް އިއްތިހާދުގެ ޝާރްޖާހް އިން ތުރުކީގެ އިސްތާންބުލް އަށް ކަމަށް ފަރްސް ނޫހުން ރިޕޯޓް ކުރެއެވެ. މި ބޯޓު ވެއްޓިފައި ވަނީ ޗަހަރްމަހަލް އާއި ބަޚްތިއާރީ ޕްރޮވިންސްގައިވާ އިރާންގެ ވެރިރަށް ތެހްރާންގެ ދެކުނުން 370 ކިލޯމީޓަރު ދުރުގައި އޮންނަ ޝަހްރޭ ކޮރްދް ސިޓީގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ރިޕޯޓްތައް ބުނާގޮތުން ވެއްޓުމުގެ ކުރިން އެ ބޯޓުގައި ވަނީ އަލިފާން ރޯވެފަ އެވެ. މަންޒަރު ދުށް މީހުން ބުނީ ބޯޓު ވެއްޓުނުއިރު ހީވީ ހެލެން ފަރުބަދަ ކައިރިއަށް އަލިފާން ބޯޅައެއް ވެއްޓުނުހެން ކަމަށެވެ.

އެ ހާދިސާ ހިނގި ސަރަޙައްދުގައި ހަތް ރެސްކިއު ޓީމެއް ޙަރަކާތްތެރިވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިދިޔަ ފެބްރުއަރީ މަހު ވެސް އިރާންގެ އޭޓީއާރް-72 މަރުކައިގެ ޖެޓެއް ވެއްޓި އެއިން ދަތުރުކުރި 65 މީހުން ވަނީ މަރުވެފައެވެ.