Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

ޓޮޓެންހަމް މޮޅުވި އިރު ކޭން އަށް އަނިޔާވެ ހާސްކަން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓްނަމް ހޮޓްސްޕާސް އާ ބޯންމައުތް ބައްދަލުކޮށް، ޓޮޓެންހަމް 1-4 އިން މޮޅުވި މެޗުގައި ޓީމުގެ އެއް ނަމްބަރު ފޯވާޑް، ހެރީ ކޭންއަށް އަނިޔާވެއްޖެއެވެ.

ކޭންގެ ފައިގެ ހުޅަށް ލިބުނު އަނިޔާއާއެކު އޭނާ ދަނޑުން ފޭބިއިރު ޓޮޓެންހަމްގެ އިތުރުން އިނގިރޭސި ގައުމީ ޓީމަށްވެސް ވަނީ ހާސްކަން ލިބިފައެވެ. ކުރިއަށް އޮތް ވޯލްޑް ކަޕުގެ ކުރިން ޓީމުގެ މައި ސްޓްރައިކަރަށް އަނިޔާވުމަކީ ޓީމަށް ލިބޭނެ ބޮޑު ގޮންޖެހުމެކެވެ.

ކޭންގެ ބަދަލުގައި ރޭގެ މެޗުގެ ބާކީ ބައިގައި ކުޅެން ނިކުމެފައިވަނީ އެރިކް ލަމެލާއެވެ. މިމެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ބޯންމައުތުންނެވެ. 7 ވަނަ މިނެޓުގައި ސްޓެނިލަސް ބޯންމައުތަށް ލީޑު ނަގާދީފައި އޮތްވާ ސްޕާސްއިން ނަތީޖާ އެއްވަރުކުރީ 35 ވަނަ މިނެޓުގައި، އަލީގެ ގޯލަކުންނެވެ.

ދެވަނަ ހާފުގައި ހިއު-މިން ސޮން ޓޮޓްނަމަށް ލީޑު ނަގާދީފައިވަނީ 62 ވަނަ މިނެޓުގައެވެ. ތިން ވަނަ ލަނޑުވެސް ޖަހާފައިވަނީ ސޮންއެވެ. މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޓޮޓްނަމްގެ ހަތަރު ވަނަ ލަނޑު ޖެހީ ސާޖް އޯރިއާއެވެ. މިމޮޅާއެކު ޓޮޓްނަމް ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. ލިވަޕޫލާ ޔުނައިޓެޑާ ކުޅުނު މެޗުން ލިވަޕޫލް ބަލިވެ، ޓޮޓަނަމް މޮޅުވެ އެއް ޕޮއިންޓު ކުރިއަށް ޖެހިލާފައިވާއިރު ޗެލްސީ އާ ލިވަޕޫލާ ދެމެދު ހަތަރު ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.

ރޭ ވަޓްފޮޑްއާ ބައްދަލުކޮށް 0-3 އިން އާސެނަލް މޮޅުވެފައިވި ނަމަވެސް އާސެނަލް އަދިވެސް އޮތީ ހަވަނައިގައެވެ. ފަސްވަނައިގައި އޮތް ޗެލްސީއާ އާސެނަލްއާ ދެމެދު އަށް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ބެލެވޭ ގޮތުގައި އަންނަ ސީޒަނުގައި ވެސް އާސެނަލް ކުޅޭނީ ޗެމްޕިއަންސް ލީގުން ފުރުސަތެއް ނުލިބި ޔޫރޮޕާ ލީގުގައެވެ.

ރޭގެ މެޗުގައި އާސެނަލްގެ ލަނޑުތައް ޖަހާފައިވަނީ މުސްތާފީ، އޮބަމަޔަންގް އަދި މިޚިތަރިޔަންއެވެ. ރޭގެ މެޗަކީ އާސެނަލްގެ ކީޕަރު، ޕީޓާ ޗެކް ކޮޅަށް ލަނޑެއް ނުޖެހި ނިންމާލި އޭނާގެ 200 ވަނަ މެޗެވެ. ޗެކް އަކީ ޕްރިމިއާ ލީގުގައި އެ އަދަދު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާއެވެ.

ޔޫރޮޕާ ލީގުގައި މިހާރުވެސް ކުޅެމުން އަންނަ އާސެނަލް އެ ތަށި ކާމިޔާބުކޮށްފިނަމަ ތާވަލުގެ ހަވަނައިގައި އޮތަސް ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެއެވެ.