އައްޑޫގައި ހެދުމަށް ނިންމާފައިވާ 100 އެނދުގެ އާ ހޮސްޕިޓަލްގެ މަސައްކަތް ހަވާލު ކުރުމަށް ފަންޑު ދޭ ފަރާތުން އެދޭ ޝަރުޠުތައް ކުޑަ ކުރުމަށްޓަކައި ފިނޭސް މިނިސްޓްރީ އާއި ފަންޑު ދޭ ފަރާތާ ދެމެދު މަޝްވަރާ ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ ފަންޑުދޭ ފަރާތާއި މަޝްވަރާ ކުރަން ޖެހުނީ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ ކަމަށެވެ. އެގޮތުން ހޮސްޕިޓަލުގެ މަސައްކަތް ލަސްވަމުން ދަނީ ހޮސްޕިޓަލް ގާއިމް ކުރުމަށް ފަންޑު ދޭ ފަރާތުން ބޭނުންވާ އަދަދަށް ބިޑަށް މީހުން ކުރިމަތި ނުލައިގެން ކަމަށް ވެސް ހެލްތު މިނިސްޓްރީން ދާދި ފަހުން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އާ ހޮސްޕިޓަލްގެ މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތެއް ހޯދުމަށް ދެ ފަހަރެއްގެ މަތިން ވެސް ބިޑަށް ހުޅުވާލުމުން ފަންޑު ދޭ ފަރާތުން ބޭނުންވާ އަދަދަށް ބަޔަކު ކުރިމަތި ލާފައި ނުވާ ކަމަށެވެ. ފަންޑު ދޭފަރާތުން ބޭނުން ވަނީ ހޮސްޕިޓަލްގެ މަސައްކަތުގެ ބިޑަށް މަދުވެގެން 8 ފަރާތަކުން ކުރިމަތިލުމަށެވެ.
ހިތަދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ހޮސްޕިޓަލް އިމާރާތް ކުރަނީ ސައުދީ ފަންޑު ފޮ ޑިވޮލަޕްމަންޓް އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވޮލަޕްމަންޓް (އޯޕިޑް) ގެ ލޯންގެ އެހީގެ ދަށުންނެވެ.
އޯފިޑް އިން 129 މިލިއަން ރުފިޔާގެ ލޯނަކާއި ސައުދީ ސަރުކާރުން 12.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 192.7 މިލިއަން ރުފިޔާ) ގެ ލޯނެއް ހޮސްޕިޓަލް އިމާރާތް ކުރުމަށް ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.