އަވަށްޓެރި ސްރީ ލަންކާގެ ކޮޓެވަލާ ޑިފެންސް ޔުނިވާސިޓީ ގައި އެމްއެމްބީއެސް ކިޔެވުމުގެ ފުރުސަތު ދިވެހި 20 ދަރިވަރަކަށް ކޮންމެ އަހަރު ދިނުމަށް ކޭޑީޔޫއިން ހަމަޖައްސައިފިއެވެ.
ޔުނިވާސިޓީއާއި އެޑިއުކޭޝަން މިނިސްޓްރީ އާ ދެމެދު މިއަދު ގާއިމްކުރެވުނު އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކު ދިވެހި 20 ދަރިވަރަކަށް ލަންކާއިން ސިއްހީ ދާއިރާއިން މަތީ ތައުލީމު ހޯދުމުގެ މަގު ފަހިވެފައިވާއިރު މިނިސްޓަރު އައިޝަތް ޝިހާމް ވިދާޅުވެފައިވަނީ މިއީ ދިވެހި ދަރިވަރުންގެ ތެރެއިން މިދާއިރާއަށް ވަންނަން ބޭނުން ދަރިވަރުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް ލިބުނު އިތުރު ފަސޭހައެއް ކަމަށެވެ.
މެޑިސިން ދާއިރާއިން ކިޔެވުމުގެ ފުރުސަތު ލިބެނީ ވަރަށް ދަތި އުނދަގުލުން ކަން ފާހަގަކުރައްވައި މިނިސްޓަރު ޝިހާމް ވަނީ ކޭޑީޔޫއަށް ޝުކުރު އަދާ ކުރައްވާފައެވެ.
ކޭޑީޔޫއަކީ މިހާރުވެސް ދިވެހި 34 ދަރިވަރަކު މަތީ ތައުލީމު ހާސިލުކުރަމުން އަންނަ ޔުނިވާސިޓީއެކެވެ. އަދި ކޮންމެ އަހަރަކުވެސް މެޑިސިން ދާއިރާއިން މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ ދިވެހި ދަރިވަރުންނެއް ރާއްޖެއިން ބޭރަށް ދެއެވެ. ސަރުކާރުން އަންނަނީ ރާއްޖޭގައި މިފަދަ ސުކޫލެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ.