ނޭޕާލްގެ ވެރިރަށް ކަތަމަންދޫ އެއާޕޯޓަށް ވެއްޓުނު މަތިންދާބޯޓުގައި ދިވެއްސަކުވެސް ދަތުރުކުރި ކަމަށާއި އޭނާއަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ބޯޓުން ދަތުރުކޮށްފައިވަނީ ނޭޕާލްގައި އަންހުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ތައުލީމު ހާސިލު ކުރަމުން އަންނަ ޑރ. ރިޒާނާ އަބްދުﷲ އެވެ. މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ރިޒާނާއަށް ލިބިފައިވަނީ ކުދި ޒަޚަމްތަކެކެވެ. އަދި އެތެރެހައްޓަށް ގެއްލުމެއް ވެފައިވާތޯ މިހާރު ބަލަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިވަގުތަކަށް ޑރ. ރިޒާނާގެ ހާލު ރަނގަޅު ކަމަށާއި ބޭރުފުށުން ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ގޮސްފައިވާތީ މިހާރު ޑޮކްޓަރުން އަންނަނީ ފަރުވާ ކުރަމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ބަންގްލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިނުގެ ބޯޓު ވެއްޓުނުއިރު ބޯޓުގައި 71 މީހުން ތިއްބެވެ. އޭގެ ތެރެއިން 38 މީހަކު މަރުވެފައިވާ ކަމަށާއި ސަލާމްތްވެފައިވަނީ އެންމެ 17 މީހުން ކަމަށް ބަންގާޅު މީޑިޔާއިން ރިޕޯޓުކޮށްފައިވެއެވެ.