Last Updated: June 12, 17:57
Friday, June 12, 2026
ޚަބަރު

ނަޝީދު މަޝްވަރާ ކުރީ ސިއްރަކުން ނޫން: ހަސަން

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ސަރުކާރުން ސިއްރިއްޔާތުގައި މަޝްވަރާއެއް ނުކުރައްވާ ކަމަށާއި ތިންވަނަ ފަރާތެއް މެދުވެރިކޮށް މަޝްވަރާ ކުރަން ސަރުކާރުން ހުށައެޅުމުން ނަޝީދު ވަނީ އެކަން އިއްތިހާދާއި ހިއްސާކޮށްފައި ކަމަށް ގުޅިފައިވާ އިދިކޮޅު އިއްތިހާދުގައި ހިމެނޭ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ވަނީ މިއަދު ފިޝަރީޒް މިނިސްޓަރު، ޑރ. ޝައިނީ ދެއްކެވި ވާހަކައަށް ރައްދު ދެއްވާފައެވެ. ސަރުކާރުން ނަޝީދާއެކު ސިއްރު މަޝްވަރާއެއް ކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވުމުން ހަސަން ލަތީފް ވަނީ އެއީ ސިއްރުން ކުރެއްވި މަޝްވަރާއެއް ނޫން ކަމަށް ވިދާޅުވެފައެވެ.

އަދި ކަންހިނގާ ދިޔަ ގޮތަކީ ތިން ވަނަ ފަރާތަކުން ނަޝީދަށް ގުޅުއްވައި، ސިއްރު ވާހަކަތަކެއް ދައްކަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވުމުން ނަޝީދު އެފަރާތާ ބައްދަލުކުރައްވައި، ދެކެވުނު ވާހަކަތައް އިއްތިހާދާއި ހިއްސާކުރީ ކަމަށް ހަސަން ވިދާޅުވިއެވެ.

މީގެ އިތުރުން އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މައްސަލަ އުޅޭ ކަމަށް އާންމުންނަށް ދައްކަން ސަރުކާރުން މަސައްކަތް ކުރެއްވި ނަމަވެސް އެއީ ވާނެ ކަމެއް ނޫން ކަމަށާއި އެބޭފުޅުން ކުރައްވާ މަސައްކަތަށް ގޯޅި އެޅުމެއް ނެތް ކަމަށް ހަސަން ވިދާޅުވެފައިވެއެވެ.

ސަރުކާރުން ވަނީ މީގެ ކުރިންވެސް އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މައްސަލަ ޖެހި، ބައިބައިވަމުން އަންނަ ކަމަށް ބުނެފައެވެ. ނަމަވެސް އިދިކޮޅުން ބުނަނީ ބައިބައިވުން އުފެދެނީ ސަރުކާރު ކޯލިޝަނުގައި ކަމަށެވެ. މަޖިލިސް މެމްބަރުންވެސް ސަރުކާރު ފަޅީގައި ތިބެން ބޭނުންނުވާ ކަމަށް އިދިކޮޅުން ބުނެއެވެ.