Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

ފާރިސްގެ މެސެޖް: "މި ނިމެނީ"

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލާގައި މަޖްލިސް މެމްބަރުންނަށް ރިޝްވަތު ދެއްވިކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވާ ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ފާރިސް މައުމޫން ހާއްސަ މެސެޖެއް އެމަނިކުފާންގެ ސަޕޯޓަރުންނަށް ދެއްވައިފިއެވެ.

ފާރިސް މިފަދަ މެސެޖެއް ދެއްވާފައިވަނީ އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ދައުލަތުން ހުށަހެޅި ސިއްރު ހެކިވެރިޔާގެ ހެކި ބަހަށް ފަހު އެނބުރި ދޫނިދޫއަށް ދިއުމަށް ޕޮލިސް ލޯންޗުގައެެވެ.

ފާރިސްގެ ސަޕޯޓަރުންނަށް އަތުގެ އިޝާރާތުން ދެއްވީ "މި ނިމެނީ" މެސެޖެއެވެ. ސޯޝަލް މީޑިއާގައި މި ވީޑިއޯ ފެތުރެމުން އަންނަ އިރު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފާރިސް އާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ސިއްރު ހެކި ވެރިޔާ ވަނީ ފާރިސް އާއި އެއްކޮޅަށް ހެކި ބަސް ދެއްވާފައެވެ.

ދައުލަތުން ފާރިސް އާއި ދެކޮޅަށް ހުށަހަޅާފައިވަނީ ސިއްރު ހެކި ވެރިއެއްގެ އިތުރުން ތިން ފުލުހެއްގެ ހެކި ބަހާއި ފާރިސް ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމަންޓުން ފެނުނުކަމަށް ބުނާ މަޖްލިސް މެމްބަރުންގެ ނަން ލިޔެފައިވާ އޭފޯ ސައިޒްގެ ކަރުދާސް ގަނޑެކެވެ.

ފާރިސްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި އެމަނިކުފާންގެ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީން އާއި ޕީޖީ ބިޝާމް، އޭޖީ އަނިލް، ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި އެމަނިކުފާންގެ ޅިޔަނު އަހުމަދު އަރީފް އާއި މިހާރުގެ އެކްޓިން ސީޕީ އަބްދުﷲ ނަވާޒު އާއި އޭސީސީގެ ރައީސް ހަސަން ލުޠުފީގެ އިތުރުން މަޖްލިސްގެ 44 މެމްބަރަކާއި އެކު ޖުމްލަ 62 މީހަކު ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

މީގެ އިތުރުންވެސް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ވެރިޔާ ހަސަން ސައީދުގެ އިތުރުން ހަ ފުލުހެއްގެ ނަން ވަނީ ހުށަހަޅާފައެވެ. އަދި 11 ލިއުމެއްވެސް ވަނީ ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައެވެ.

ފާރިސް ރިޝްވަތު ދެއްވިކަމަށް ބުނެ ދައުލަތުން ހުށަހެޅުއްވި ސިއްރު ހެކިވެރިޔާ އަހްމަދު ޝާފިއުގެ ބަޔާނާއި، ޝާފިއު އާއި މެމްބަރު އަހުމަދު ރަޝީދު އާއި ދެމެދު ހިނގާފައިވާ އެސްއެމްއެސް މުއާމަލާތްތަކާއި، އިސްދޫ ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު ރާއްޖެ ޓީވީ އާއި ޗެނަލް 13އަށް ދެއްވާފައިވާ އިންޓަވިއުތައްވެސް ވަނީ ހުށަހަޅުއްވާފައެވެ.