Last Updated: June 14, 16:31
Sunday, June 14, 2026
ޚަބަރު

"ޕާޓީތަކާ މަޝްވަރާ ނުކޮށް އެއްވެސް ކަމެއް ނުކުރާނަން"

އެމްޑީޕީ އެހެން ސިޔާސީ ޕާޓީތަކާއި އެކު އިއްތިހާދުވި ފަހުން ހުރިހާ ކަމެއްވެސް ކުރަނީ ޕާޓީތަކުގެ މަޝްވަރާގެ މަތިންކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުހައްމަދު ނަޝީދު ސަރުކާރާއި އެކު ސިއްރު މަޝްވަރާ ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ފިޝަރީޒް މިނިސްޓަރ މުހައްމަދު ޝައިނީ މިއަދު ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވާފައިވަނިކޮށް ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީންވެސް އަދި އަޅުގަނޑު (މުހައްމަދު ނަޝީދު) ވެސް ދައްކާ ވާހަކައެއް، އަދި ހިންގާ ކަންކަންވެސް، ހިންގަނީ އިއްތިހާދުގެ ޕާޓީތަކާއި މަޝްވަރާކޮށް، ހުރިހާ ޕާޓީތައް އެދޭ މިންވަރަށް އަދި އެދޭ ގޮތަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ކަން ކުރާނީ އެ އުސޫލުން ކަމަށެވެ.

ނަޝީދު މިފަދައިން ޓްވީޓު ކުރައްވާފައިވާ އިރު މިރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފު ވިދާޅުވީ މުޙައްމަދު ނަޝީދާއި ސަރުކާރުން ސިއްރިއްޔާތުގައި މަޝްވަރާއެއް ނުކުރައްވާ ކަމަށާއި ތިންވަނަ ފަރާތެއް މެދުވެރިކޮށް މަޝްވަރާ ކުރަން ސަރުކާރުން ހުށައެޅުމުން ނަޝީދު ވަނީ އެކަން އިއްތިހާދާއި ހިއްސާކޮށްފައި ކަމަށެވެ.