މިދިޔަ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ކުރިއަށް ގެންދާ އެއްވުންތައް ރޫޅާލުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
އެ ކޮމިޝަނުން މިހެން ބުނެފައި ވަނީ ކޮމިޝަނުން އެއްވުންތަކަށް ގޮސް ކުރި މޮނީޓާ ކުރުމަށްފަހު އެވެ.
އެގޮތުން އެޗްއާރްސީއެމް އިން ނެރުނު ބަޔާނެއްގައި އަށް ކަމެއް ފާހަގަކޮށްފައިވެ އެވެ. އެއީ:
1. ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުން.
2. ބައެއް ފުލުހުންގެ އަމަލުތަކުގެ ސަބަބުން މީހުންނަށާއި ބައެއް ނޫސްވެރިންނަށް އަނިޔާވެފައިވާކަން.
3. ހަތިޔާރު ބޭނުން ކުރާނެ ގޮތުގެ ގަވައިދާ ހިލާފަށް ޕެޕާ ސްޕްރޭ އެއްވުންތައް ރޫޅާލަން ބޭނުންކޮށްފައިވާކަން.
4. އާންމު މީހުންގެ ތެރެއިން ބައެއް މީހުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެފައިވާކަން.
5. ބައެއް އާންމުންނާއި ފުލުހުން އެކަށީގެންނުވާ ބަސްމަގު ބޭނުންކޮށްފައިވާކަން.
6. އެއްވުންތަކަށް ކުޑަކުދިން ގެންގޮސްފައިވާކަން.
7. 12ގެ ފަހުން ވެސް އަޑުގަދަކޮށް ސައިކަލްތަކުގައި ތިބެ ސަރަހައްދުތަކުގެ ގެތަކުގެ މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކޮށްފައިވާކަން.
8. ފަހަކަށް އައިސް ބާއްވާ އެއްވުންތައް ސުލްހަވެރިކަމާއި އެ އެއްވުންތައް ރޫޅާލަން ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ނުވާކަން، މިއެވެ.
އެޗްއާރްސީއެމް އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މުޒާހަރާތައް ރޫޅާލުމުގެ ތެރޭގައާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ 6 މައްސަލައެއް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އަދި އޭގެތެރެއިން 3 މައްސަލަ އަކީ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ މައްސަލަތައް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަދި މުޒާހަރާތައް މޮނީޓާކުރުމުގެ ތެރޭގައި އެ ކޮމިޝަނަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރެއިން ރަނގަޅު ކުރުމަށް ކޮމިޝަނަށް ފެންނަ ކަންކަން ފުލުހުންނާއެކު މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އާއި މި ހިނގާ މާޗު މަހުގެ 11 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުންތަކުގައި ހިއްސާކޮށްފައިވާ ކަމަށްވެސް އެޗްއާރްސީއެމް އިން ބުނެއެވެ.