Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ވެއްޓުނު ބޯޓުން 13 ޑޮކްޓަރަކު މަރުވި

ކަތަމަންޑޫގެ ޓްރިބުވަން އިންޓަނޭޝަަލް އެއާޕޯޓު (ޓީއައިއޭ)ގައި ޖައްސަން ދަނިކޮށް ވެއްޓުނު ބަންގުލަދޭޝްގެ ޔޫއެސް-ބަންގްލާ އެއާލައިންގެ ފްލައިޓުން ދަތުރުކުރި 50 މީހަކު މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި ނޭޕާލުގެ 13 ޑޮކްޓަރަކު ހިމެނޭކަމަށް އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފިއެވެ.

71 މީހުން ދަތުރުކުރި މި ބޯޓު ވެއްޓިފައިވަނީ ޖައްސަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ބޯޓު ނުޖެއްސި އެއާޕޯޓް ކައިރީ އޮތް ފުޓްބޯޅަ ދަނޑަކަށެވެ.

ބަންގްލަދޭޝްގެ "ޑާކާ ޓްރައިބިއުން" ބުނެފައިވާ ގޮތުގައި ބޯޓު ވެއްޓުނު ހާދިސާގައި މަރުވެފައިވަނީ ބަންގްލަޑޭޝްގެ ޖަލާލްއާބާދުގެ މެޑިކަލް ކޮލެޖެއް ކަމަށްވާ ރާގިބް ރާބިއާ މެޑިކަލް ކޮލެޖުން ކިޔަވައި ނިންމުމަށްފަހު އެނބުރި ގައުމަށް ދިޔަ ޑޮކްޓަރުން ތަކެއް ކަމަށެވެ.

REUTERS

ރާގިބް ރާބިއާ މެޑިކަލް ކޮލެޖްގެ ޕްރިންސިޕަލާއި ހަވާލާދީ ޑާކާ ޓްރައިބިއުން ބުނެފައިވަނީ އެ ކުދިންތައް އަމިއްލަ ގައުމު ނޭޕާލަސް ދިޔައީ ޑޮކްޓަރުކަމުގެ ކޯސް ފުރިހަމަކޮށް، ފައިނަލް ނަތީޖާ ލިބެން ދެ މަހުގެ ބްރޭކެއް ލިބޭތީކަމަށެވެ.

މިހާދިސާގައި މަރުވެފައިވަނީ 10 އަންހެން ޑޮކްޓަރުންނާއި 3 ފިރިހެން ޑޮކްޓަރުންނެވެ.

ނޭޕާލްގެ ފުލުހުން ބުނެފައިވަނީ ބޯޓު ވެއްޓުމުގެ ހާދިސާގައި ވަގުތުން 38 މީހަކު މަރުވެފައިވާކަމަށެވެ. އަދި އިތުރު ފަރާތްތައް މަރުވެފައިވަނީ ފަރުވާ ދެމުން ދަނިކޮށްކަމަށެވެ.

މި ހާދިސާގައި ނޭޕާލްގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ދިވެހި ޑޮކްޓަރެއް ކަމަށް ޑރ. ރިޒާނާ އަބްދުﷲ އަށް ވަނީ ސީރިއަސް ގެއްލުމެއް ނުލިބި ސަލާމަތްވެފައެވެ.

ރިޒާނާގެ އާއިލާއިން ބުނެފައިވަނީ ރިޒާނާ އަބްދުﷲގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި މިވަގުތު އޮތީ ޑޮކްޓަރުންގެ އޮބްޒަވޭޝަންގައި ކަމަށެވެ.