މިޔަންމާގެ ރޮހިންޖާ މުސްލިމުންގެ ދަރިކޮޅަށް ދިމާވި ލާއިންސާނީ އަމަލުތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ގާއިމްކުރި ފަންޑު ފޮއްޓަށް ލިބުނު ފައިސާ ބަންގާޅު ރެޑް ކްރެސެންޓު ޖަމިއްޔާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
ރޭ ދަންވަރު މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރޮހިންޖާ ފަންޑަށް ލިބުނު ފައިސާ ބަންގާޅަށް ފޮނުވުމުގެ އިދާރީ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އަދި ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ބަންގްލަދޭޝް ރެޑް ކްރެސެންޓާ ފައިސާ ހަވާލުކުރާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.
މިނިސްޓްރީން މި ބަޔާން ނެރެފައިވަނީ އިއްޔެ، އެ ފަންޑަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނެ މީޑިޔާގައި ޚަބަރު ފެތުރުމުން، މިނިސްޓްރީއަށް އާންމުގެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެންނެވެ.

ދިވެހި ރައްޔިތުން ރޮހިންޖާގެ މުސްލިމުންނަށް ދިން އެހީ، އެފަރާތްތަކަށް އަމާނާތްތެރިކަމާއެކު ހަވާލުކުރުމަށް މިނިސްޓްރީ ނުކުޅެދިފައިވާ ކަމަށް ގަބޫލުކުރެވުމުން އާންމުންގެ ތެރޭގައި ރުޅިވެރިކަން އާލާވެ، ސަރުކާރަށާއި މިނިސްޓްރީ އަށް ފާޑުކިޔާފައިވެއެވެ.
މިނިސްޓްރީން މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައިނުވާއިރު، އިއްޔެ އެކަމާ ގުޅޭގޮތުން ޚަބަރު ފެތުރުމުން ދަންވަރު ގަޑީގައި މިފަދަ ބަޔާނެއް ނެރުމުންވެސް ގިނަ ބަޔަކު ވަނީ ސުވާލުމާކެއްގެ ތެރޭގައެވެ. އާންމުން ބުނަމުން އަންނަނީ ރޮހިންޖާ ފަންޑަށް ލިބުނު ފައިސާ ވީހާވެސް އަވަހަށް ފައިސާގެ ހައްގުވެރިންނާ ހަވާލުކޮށް، އެކަން ދެފުށް ފެންނަ ނިޒާމަކުން ކުރިއަށް ގެންދިއުމަށެވެ.