Last Updated: April 19, 06:47
Friday, April 19, 2024
ޚަބަރު

ސްކައި އިން ކެރޭގާ ސަސްޕެންޑްކޮށްފި

ލިވަޕޫލްގެ ކުރީގެ ޑިފެންޑަރު އަދި ސްކައި ސްޕޯޓްސްގައި ފުޓުބޯޅަ ޕުންޑިޓެއްގެ ވަޒީފާ އަދާކުރަމުން އަންނަ ޖޭމީ ކަރާގާ 14 އަހަރުގެ އަންހެން ކުއްޖެއްގެ ގަޔަށް ކުޅު ޖެހި މައްސަލާގައި ސްކައި އިން އޭނާ ސަސްޕެންޑުކޮށްފިއެވެ.

މިހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗަށްފަހުގައެވެ. ކަރާގާ ގެއަށް ދިޔަ މަގުމަތީގައި ޔުނައިޓެޑު ސަޕޯޓަރަކު ވަނީ ކާރުން ދަނިކޮށް ކަރަގާއަށް މެޗުގެ ސްކޯ ހަނދާންކޮށްދީ، މަލާމާތުގެ ރާގަކުން މުޚާތަބުކޮށްފައެވެ.

އަދި އެ މަންޒަރު އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅު ފިލްމު ކުރަމުން ދަނިކޮށް ކަރާގާ ވަނީ ރުޅިއައިސްގެން އަންހެން ކުއްޖާއާއި އޭނާގެ ބައްޕައާ ދެމީހުންގެ ގަޔަށް ކުޅު ޖަހާފައެވެ.

މި ވީޑިއޯ މީޑިޔާގައި ދައުރުވެ، ކަރާގާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ސްކައި އިން ވަނީ އޭނާ ވަގުތީ ގޮތުން ސަސްޕެންޑު ކޮށްފައެވެ.

ސްކައި ގެ ޕުންޑިޓެއްގެ ގޮތުގައި ކަރާ އެ ޗެނެލާ ގުޅިފައިވަނީ 2013 ވަނަ އަހަރު، ޕްރޮފެޝަނަލް ކެރިއަރު ނިމުމަކަށް ގެނައުމަށް ފަހުގައެވެ. ޕުންޑިޓެއްގެ ރޯލުގައި އޭނާ ކުރި މަސައްކަތުގައި ގިނަ ބަޔެއްގެ ތައުރީފު ލިބުނަސް، އޭނާގެ މި ދަށުދަރަޖައިގެ އަމަލުގެ ސަބަބުން ގިނަ ބަޔަކު ވަނީ ފާޑު ކިޔާފައެވެ.

ކަރަގާ ވަނީ ޓުވީޓާ މެދުވެރިކޮށް މިހާދިސާއާ ގުޅިގެން މައާފަށް އެދިފައެވެ. އަދި އެ އާއިލާއަށްވެސް އޭނާ ވަނީ މައާފަށް އެދިފައެވެ. ކަރަގާ ބުނެފައިވަނީ އޭނާ އެކަން ކުރީ ޖަޒުބާތުގައި ޖެހިގެން ކަމަށެވެ.