މަޝްހޫރު ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަކީލުކަމުން އަނެއްކާވެސް ސަސްޕެންޑުކޮށްފިއެވެ.
ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ވާހަކަ ދެއްކި ކަމަށް ބުނެ ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަނުން އަލީ ހުސެއިން ސަސްޕެންޑު ކުރިކަން އިއުލާންކޮށް މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.
އަލީ ހުސެއިން ސަސްޕެންޑު ކޮށްފައިވަނީ އޭނާގެ މައްޗަށް ތަހުގީގެއް ކުރިއަށް ދާތީ، ތަހުގީގު ނިމެންދެން ކަމަށްވެސް ޑީޖޭއޭ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މައުލޫމާތު ލިބޭ ގޮތުގައި ތަހުގީގު ކުރަމުން ދަނީ ސުޕްރީމް ކޯޓުގެ ނިންމުންތަކުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ގޮތަށް އޭނާ ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައެވެ.
މިދިޔަ އަހަރު ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން، ކޯޓު ކުރިމަތީ ހަޅުތާލު އުފައްދަން މަސައްކަތް ކުރިކަމަށް ބުނެ އެއްފަހަރާ ސަސްޕެންޑު ކުރިއިރުވެސް، އަލީ ހުސެއިން ހުރީ ސަސްޕެންޝަނުގައެވެ. އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓުމަށްފަހު އަލީ ހުސެއިނަށް ހުއްދަ އަލުން ލިބިފައިވަނީ މިދިޔަ މަހުގައެވެ.
ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދިފާއުގައި، އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައިވެސް އަލީ ހުސެއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަންނަ އަލީ ހުސެއިން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކި ވާހަކައަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އޭނާ ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.