ޚަބަރު

އެމްޑީޕީ އެކްޓިވިސްޓް ޝަހީމް މިނިވަންކޮށްފި

އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ އިސް އެކްޓިވިސްޓް އަދި އެޕާޓީގެ ކަނޑިތީމު ދާއިރާގެ ރައީސް، އަބްދުﷲ ޝަހީމް މިއަދުގެ ވަގުތެއްގައި ބަންދުން މިނިވަން ކޮށްފިއެވެ.

ޝަހީމް މިނިވަން ކޮށްފައިވާކަން އޭނާގެ ވަކީލު ނާޒިމް ސައްތާރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޖަލުގައި ބަންދުކުރުމަށްފަހު ޝަހީމްގެ ސިއްހީ ހާލަތު ދެރަވެ، އެކަށީގެންވާ ސިއްހީ ފަރުވާ ލިބެމުންނުދާތީ އޭނާގެ އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޝަހީމްގެ އޮޕަރޭޝަނެއްވެސް ތާވަލުކޮށްފައި ވަނިކޮށް އޮޕަރޭޝަން ކުރުމަށް އެޑްމިޓް ކުރަން ޖެހޭތީ، އޭނާ ވަނީ އަނބުރާ ޖަލަށް ގެންގޮސްފައިކަމަށް ޝަހީމްގެ އާއިލާއިން ބުނެފައިވެއެވެ. އަދި އޮޕަރޭޝަން ކުރާނެތޯ ނުވަތަ ނޫންތޯ ނިންމުމަށް ފަހު އާއިލާއަށް އަންގާނެ ކަމަށް ފުލުހުން ބުނި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ޝަހީމް ހައްޔަރުކުރުމަށްފަހު ބަންދުގައި ބަހައްޓާފައިވާއިރު ޝަހީމް ހައްޔަރުކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށް ބުނެ އާއިލާއާއި އެމްޑީޕީން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.