ޚަބަރު

އެސްއޯއީ އިތުރަށް ދެންމުމުގެ ވިސްނުމެއް ނެތް: ސަރުކާރު

އާޒިމާ ޝުކުރޫ

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު ނުވަތަ ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) ގެ މުއްދަތު އިތުރަށް ދިގުދެންމުމުގެ ވިސްނުމެއް ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން މިހެން ބުނެފައި ވަނީ ބޭރުގެ ނޫސްވެރިން ގެނެސްގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު އެވެ.

އާޒިމާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދެންމުމަށް ސަރުކާރުން ނުވިސްނާ ކަމަށާއި މަޖިލީހުން އިތުރުކޮށްދިން މުއްދަތުގެ ތެރެއިން 10 ދުވަސް އަދިވެސް ބާކީ އެބަ އޮތް ކަމަށެވެ.

އަދި ކުއްލި ޙާލަތުގެ ބާރު ތަންފީޒު ކުރާނީ ފެބުރުއަރީ އެއްވަނަ ދުވަހު ހިންގި ގާނޫނާ ޚިލާފު ޢަމަލުތަކުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް އެކަނި ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.

ކުއްލި ޙާލަތުގެ މުއްދަތު މިމަހުގެ 22 ވަނަ ދުވަހު ހަމަވާ އިރު ރާއްޖޭގައި ދިރިއުޅުން އޮތީ އާއްމު ހާލަތެއްގައި ކަމަށާއި ވިޔަފާރިތަކާ ސަރުކާރުގެ އޮފީސްތަކާއި ސުކޫލުތައް ހުރީ ހުޅުވާފައި ކަމަށް އާޒިމާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ކުއްލި ޙާލަތުގެ ސަބަބުން ޓޫރިޒަމަށް އަސަރު ކުރަމުންދާ ކަމަށާއި، ބައެއް ބުކިންތައް ކެންސަލުވެފައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި ފަތުރުވެރިކަން ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ އިއުލާންކުރި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 30 ދުވަހަށް އިތުރު ކުރުމަށްޓަކައި އެ ޤަރާރަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހުށަހެޅުއްވި އިސްލާޙް ފެބްރުއަރީ 20 ވަނަ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގައި ވަނީ ވޯޓް ދިން 38 މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފަ އެވެ. އެހެންނަމަވެސް އެ ޤަރާރު ފާސްކޮށްފައި ވަނީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށެވެ. އެއީ ޤާނޫނު އަސާސީގައި ބުނަނީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކޮންމެ ކަމަކަށް ވޯޓަށް އަހާއިރު މަދުވެގެން 43 މެމްބަރުން ތިބެންޖެހޭނެ ކަމަށް ވާތީއެވެ.

ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން މަޖިލީހުގެ ހަ މެމްބަރަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާއި މައްޗަނގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާންގެ އިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އާއި އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު އަބްދުﷲ (މުހައްމާ) އެވެ.

މެމްބަރުންގެ އިތުރުން ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވެސް ހައްޔަރުކޮށްފަ އެވެ.