މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އަށް މެމްބަރަކު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ އެޖެންޑާ ގައި ވަނީ މާދަމާގެ ޖަލްސާއަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކުރައްވައި ގޮތެއް ނިންމެވުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:00 އަށެވެ.
އެމްބީސީ އަށް މެމްބަރަކު އައްޔަން ކުރަން ޖެހެނީ އެކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީއެވެ.
ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ނަންފުޅެއް ފޮނުވާފައިވީ ނަމަވެސް އެއީ ކޮންބޭފުޅެއްކަން އަދި ރައީސް އޮފީހުންވެސް އަދި ރައްޔިތުންގެ މަޖިލީހުންވެސް ހާމަކޮށްފައެއް ނުވެއެވެ.