މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނެސް ފާސްކުރި ބިލް ބާތިލް ކުރުމަށް އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ގުޅިފައިވާ ޕާޓީތަކުން މިއަދު މ. ކުނޫޒުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ، މިއަދު ފާސްކުރި ދެ ބިލަކީ ޤާނޫނު އަސާސީ އާއި ޤާނޫނީ އިޖުރާތްތަކާއި ޚިލާފަށް ފާސްކޮށްފައިވާ ބިލެއް ކަމަށާއި އެ ބިލުގެ ބައެއް މާއްދާތައް ޤާނޫނު އަސާސީގެ ގިނަ މާއްދާތަކާއި ތައާރުޒް ކަމަށެވެ.
މިހާތަނަށް ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލަތައް ވަރަށް އަވަހަށް ނިންމާފައިވާކަން ފާހަގަ ކުރައްވަމުން އިބޫ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި މައްސަލަ އާއި ބަންޑާރަނައިބް ހުށަހެޅި މައްސަލަ ވެސް އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު ކުރަން މަޖިލީހުން ފާސްކުރި ޤަރާރު ޞައްޙަކަން ކަނޑައަޅަން ވެއްދި މައްސަލަވެސް އެދުވަހުން އެދުވަހަށް ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މިއަދު ފާސްކުރި ދެ ބިލް ބާތިލު ކުރުމަށް އެދި ހުށަހެޅި މައްސަލަ ވެސް އެންމެންނަށް ހަމަހަމަ ކަމާއެކު ވީހާވެސް އަވަހަކަށް ނިންމާދިނުމަށް އެދޭ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކުރީ 36 މެމްބަރުން ބިލް ފާސްކުރުމަށް ވޯޓު ދީގެންނެވެ. ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައިވަނީ މަޖިލީހުގައި ހާޒިރުވެ ތިބި 38 މެމްބަރުންގެ ވޯޓު ލިބިގެންނެވެ.
ފަނޑިޔާރުގެ ބިލަށް އިސްލާހުގެންނަން ހުށަހެޅި ބިލުގައި ވަނީ ފަނޑީޔާރެއްގެ މައްޗައް ޖިނާއީ ޙުކުމެއް ސާބިތުވެއްޖެ ކަމަށް ކޯޓަކުން ޙުކުމެއް ކޮށްފިނަމަ ފަނޑިޔާރުކަން ގެއްލޭނެ ކަމަށެވެ.
އެންޓި ޑިފެކްޝަން ބިލް ފާސްކޮށްފައިވަނީ ގޮނޑިއާމެދު ބޮޑު ބަހުސެއް ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.