ޚަބަރު

އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކުރަން ގޮވާލައިފި

ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައިފިއެވެ.

މިއަދު ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ހުށަހަޅާ، ހަމައެކަނި ޕީޕީއެމްގެ މެމްބަރުންގެ ވޯޓާއި އެކު ފާސްކުރެވިގެން ދިޔަ އެންޓި ޑިފެކްޝަން ބިލަކީ، އެ ބިލް މިހާރު އޮތްގޮތުން ގިނަ މައްސަލަތަކެއް ހުރި އަދި އޭގެ ސަބަބުން ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމުގެ މަޤްސަދު ޙާސިލްކުރެވޭނެ ބިލެއް ކަމުގައި އެ ޖަމިއްޔާއިން ނުދެކޭ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަކީ ކޮރަޕްޝަންގެ ޢަމަލުތައް އިންތިހާއަށް ހިންގާކަމަށް ތުހުމަތުކުރެވި، އެގޮތަށް ގިނަ ދިވެހި ރައްޔިތުންނަށް ދެކެވޭނެ ގޮތަކަށް މަޖިލީހާއި ދައުލަތުގެ ނިޒާމްތައް އޮތުމަކީ މިޖަމިއްޔާއިން އަބަދުވެސް ކަންބޮޑުވާ ކަމެކެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް މިޖަމިއްޔާއިން ހުށަހަޅާފައިވާނެ އެވެ. 2015 ވަނަ އަހަރު އޭޕްރީލް މަހު މި ޖަމިއްޔާއިން ތައްޔާރުކުރި 'މަޖިލިސް މެމްބަރުން ތަޅުން ހުރަސްކުރމާ ބެހޭ ބޭސްލައިން ދިރާސާ' އިން ދައްކާ ގޮތުގައި މި ދިރާސާގައި ސުވާލުކުރެވުނު މީހުންގެ ތެރެއިން 84% މީހުން ޤަބޫލުކުރާ ގޮތުގައި މަޖިލީހުގެ މެމްބަރުން ތަޅުން ހުރަސްކުރަނީ ކޮރަޕްޝަންގެ ޢަމަލުތައް ހިމެނޭގޮތުގެ މަތިންނެވެ."، އެ ބަޔާނުގައި ވެއެވެ.

އެހެންކަމުން ކޮރަޕްޝަންގެ ޤަމަލުތައް ހުއްޓުވުމަށް މެމްބަރަކަށް ލިބޭ އާމްދަނީ އާއި ހުރި މުއްސަނދިކަމާއި މާލީ މަސްލަޙަތުތައް ސާފުކޮށް ބަޔާންކުރެވޭނެ ނިޒާމެއް ޤާއިމް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ނުޙައްޤުން ހޯދާ މުއްސަނދިކަން ތަހުޤީޤުކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ވެސް އޮންނަން ޖެހޭނެކަމަށް ޓްރާންސްޕޭރެންސީ އިން ބުނެއެވެ.

އެ ޖަމިއްޔާއިން ބުނަނީ މިއަދު ފާސްކުރެވުނު އެންޓި ޑިފެކްޝަން ބިލަކީ ކޮރަޕްޝަންގެ މައްސަލަތަކަށް ޙައްލެއް ހޯދުމަށް އެޅޭނެ ފިޔަވަޅުތަކެއް ބަޔާންކުރާ ބިލެއް ނޫން ކަމަށާއި، މި ބިލަކީ ވަގުތީ ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ސިޔާސީ ފަރާތްތަކަށް ބިރުދައްކާ، އެ ފަރާތްތަކުގެ ގޮނޑި ގެއްލުވާލުމުގެ ނިޔަތް އޮތް ބިލެއް ކަމަށެވެ.

"މިގޮތަށް ޤަބޫލުކުރަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ، މި ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މަފްހޫމާއި ދިވެހިރާއްޖޭގެ ޤާނޫނު ހެދުމުގެ އުސޫލާއި ހަމަޔާ ދިމާ އިދިކޮޅަށް، 'ރެޓްރޮސްޕެކްޓިވް ލެޖިސްލޭޝަން' އެއް ނުވަތަ ފަހުން ހަދާ ޤާނޫނަކުން، އެ ޤާނޫނު ހެދުމުގެ ކުރިން ވެފައިވާ ކަމަށް އަސަރުކުރުވަނިވި ގޮތަށް ކަމަށް ވާތީއެވެ. ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކުގެ އުސޫލުތަކާއި ޚިލާފަށް މި ބިލް މަޖިލީހުން ފާސްކޮށް، ކޮރަޕްޝަން ހުއްޓުވުމުގެ ވާހަކަތައް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި މި ޤާނޫނުގެ ސަބަބުން ގެއްލޭގޮތަށް ފަރުވާކުރެވިފައިވި ވުމަކީ މި ޖަމިއްޔާއިން ކުށްވެރިކުރާ ކަމެކެވެ."، އެ ބަޔާނުގައި ވެއެވެ.

އަދި ހަޤީޤަތުގައިވެސް ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތް އޮތްކަމުގައި ވާނަމަ، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކުރުމަށް ރައީސް ޔާމީނަށް ގޮވާލާ ކަމަށްވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ވެއެވެ. އެ ޖަމިއްޔާއިން ވަނީ އެ ބިލް އަންބުރާ ގެންދިއުމަށް ޕީޕީއެމްއަށްވެސް ގޮވާލާފައި ވެއެވެ.

މަޖިލީހުގައި ކޮރަޕްޝަން ހުއްޓުވޭނީ ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެންކަން ފާހަގަކުރަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައި ވަނީ މެމްބަރުންގެ މާލީ ބަޔާން ހާމަކުރުމުގެ ފުރިހަމަ ނިޒާމަކާއި، ނުޙައްޤު މުއްސަނދިކަން ހުއްޓުވުމުގެ ނިޒާމަކާއި، ސިޔާސީ ފައިސާގެ ހާމަކަމުގެ ނިޒާމެއް ވީހާވެސް އަވަހަށް ވުޖޫދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށެވެ.