ޚަބަރު

ފާރިސްއާ ދެކޮޅަށް ހޯދި އޯޑިއޯ ބަލައިނުގަންނަން ނިންމައިފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް، ފޮޓޯ: ރާއްޖެއެމްވީ

ޖަލުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އާއި ދެކޮޅަށް ދައުލަތުން ޤާނޫނާ ޚިލާފަށް ހޯދި އޯޑިއޯ ޝަރީއަތަށް ބަލައިނުގަންނަން ކްރިމިނަލް ކޯޓް އިން ނިންމައިފި އެވެ.

"އައްޑޫލައިވް" އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފާރިސް އާއި ދެކޮޅަށް ހުށަހެޅި އޯޑިއޯ އާއި އޯޑިއޯ އެނަލިސިސް ރިޕޯޓްގެ އިތުރުން ރިޕޯޓް ތައްޔާރުކުރި ފުލުސް މީހާ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރު ލ.ފޮނަދޫ، ސްވީޓްފްލާވާ، އަހުމަދު ޝާފިއުގެ ސްޓޭޓްމެންޓް ވެސް ބަލައިނުގަންނަން ކޯޓުން ވަނީ ނިންމާފައެވެ.

އޯޑިއޯ އެނަލިސިސް ރިޕޯޓް ބަލައިނުގަތުމަށް ނިންމީ އެ ރިޕޯޓާ ގުޅޭގޮތުން ފާރިސްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ އެ އޯޑިއޯއަކީ ކިހިނެއް ހޯދާފައިވާ އޯޑިއޯއެއް ކަން އެނގެން ނެތް ކަމަށާއި އެކަމާ ގުޅޭ އެއްވެސް ލިޔުމެއް ދިފާއީ ވަކީލުންނާ ދައުލަތުން ހިއްސާ ކޮށްފައިނުވާ ކަމަށް ވިދާޅުވެ ނެންގެވި ނުކުތާގެ މައްޗަށް ބިނާކޮށެވެ. އަދި މީހުންގެ ޒާތީ މުއާމަލާތްތައް ކޯޓު އަމުރެއް ނެތި ނުހޯދޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށް ވިދާޅުވެ، އެ އޯޑިއޯ ރިޕޯޓް ބަލައިނުގަނެވޭނެ ކަމަށް ޝަމީލް ވިދާޅުވި އެވެ. އަދި އެ ރިޕޯޓް ބަލައިނުގަނެވޭއިރު، އެ ރިޕޯޓް ހެދި މީހާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ގާޒީ އަހުމަދު ހައިލަމް ވަނީ އެ އޯޑިއޯ ލިބުނު ގޮތް އެނގޭނެ ލިޔުމެއް ހުށަހެޅިންތޯ އާއި އެއީ ކޯޓު އަމުރެއް އޮވެގެން ހޯދި މުއާމަލާތްތަކެއްތޯ ދައުލަތާ ސުވާލު ކުރައްވާފަވެ. ޖަވާބުގައި ދައުލަތުން ބުނީ އޯޑިއޯ ލިބުނު ގޮތުގެ ލިޔުން ކޯޓާ ކުރިން ހިއްސާކުރި ކަމަށާއި އެކަމަކު އެއީ ކޯޓު އަމުރެއް އޮވެގެން ހޯދި މަޢުލޫމާތެއް ނޫން ކަމަށެވެ.

އެހެންވެ، ގާޒީ ނިންމެވީ އޯޑިއޯ އެނަލިސިސް ރިޕޯޓާއި އޭގެ ސްކްރިޕްޓް ވެސް ބަލައިނުގަތުމަށެވެ. އަދި އެ ރިޕޯޓް ބަލައިނުގަތުމަށް ނިންމާފައިވާތީ، އެ ރިޕޯޓް ހެދި މީހާގެ ހެކިބަސް ވެސް ނަގަން ނުޖެހޭނެ ކަމަށް ގާޒީ ހައިލަމް ނިންމެވި އެވެ.

އެ ހެކިތައް ބަލައިނުގަތުމުގެ ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮންނަ ގޮތުން ދައުލަތުން ހުށަހަޅަން ގަސްދުކުރާ ހުރިހާ ލިޔުމެއް ދައުވާއާ އެކު ހެކީގެ ގޮތުގައި ހުށަހަޅަން ޖެހޭއިރު އެ އޯޑިއޯ ލިބުނު ގޮތް ބަޔާންކުރާ ލިޔުން އޭރު ހުށަހަޅާފައި ނެތުމެވެ.

ޝާފިއުގެ ބަޔާން ބަލައިނުގަތުމަށް ގާޒީ ނިންމެވީ ވެސް ފާރިސްގެ ވަކީލުން ނެންގެވި ނުކުތާއަކާ ގުޅިގެންނެވެ. ފާރިސްގެ ވަކީލް ޝަމީލް ވިދާޅުވީ އެ ބަޔާން އޮތީ ދައުލަތުން އެދިގެން ސިއްރު ކޮށްފައި ކަމަށާއި އެހެންވެ އެ ބަޔާނުގައި އޮތް އެއްްޗަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު ފާރިސަށް މިހާރު ނެތް ކަމަށެވެ.

އަދި ޝާފިއުގެ ބަޔާނުގެ ސައްޙަކަން ކަށަވަރު ކުރެވޭނީ ހެއްކެއްގެ ގޮތުގައި ޝާފިއު ހާޒިރުކޮށްގެން ކަމަށްވާއިރު، ހެއްކެއް ގޮތުގައި ޝާފިއުގެ ނަން ދައުލަތުން ހުށަހަޅާފައި ނެތުމުން އެ ބަޔާނުގެ ސައްޙަކަން ކަށަވަރު ކުރެވެން ނޯންނާނެ ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ ދައުވާ އުފުލިއިރު ހެއްކެއްގެ ގޮތުގައި ޝާފިއުގެ ނަން ހުށަނޭޅީ އޭރު އޭނާއަކީ އެކަމުގައި ތުހުމަތު ކުރެވޭ މީހަކަށް ވާތީ ކަމަށެވެ. އެކަމަކު އޭނާގެ ބަޔާން ޝަރީއަތަށް ބަލައިގަނެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ފާރިސްގެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމުގައި ވެސް ދައުލަތުން ވަނީ ފާރިސްއާ ދެކޮޅަށް ހުށަހެޅި ލިޔުމަކާއި އެ ލިޔުމާ ގުޅިގެން ހުށަހެޅި ދެ ފުލުހެއް ވެސް ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ނިންމައިފަ އެވެ. އެގޮތުން އިއްޔެ ބަލައިނުގަތުމަށް ނިންމީ ފާރިސް ދިރިއުޅުއްވާ ގެއިން ފެނުނު ކަރުދާސް ގަނޑަކާއި އެގެ ފާސްކުރި ދެ ފުލުހެކެވެ.

ފާރިސްއާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތައް ބަލައިނުގަތުމަށް ކޯޓުން ނިންމުމާއި ގުޅިގެން ފާރިސްގެ ވަކީލުން ނިންމެވީ ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި 62 ހެކިވެރިންގެ ތެރެއިން އެއްވެސް މީހެއްގެ ހެކިބަސް ނުނަގައި، ދޫކޮށްލުމަށެވެ. އެކަމަކު ދިފާއުގައި ހުށަހެޅި ބައެއް ލިޔުންތަކާ ބެހޭގޮތުން ދެން އޮންނަ އަޑުއެހުމެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް ވަކީލުން އެދުމާއެކު، ގާޒީ ހައިލަމް ވަނީ އެ ފުރުސަތު ދެއްވައިފަ އެވެ.

އެ މައްސަލާގައި ޝާފިއުގެ ފޯނުން ފެނުނު ފޮޓޯތަކަކާ ގުޅިގެން ދައުލަތުން ހުށަހެޅި މޮބައިލް ފޮރެންސިކް ރިޕޯޓާއި އެ ރިޕޯޓާ ގުޅޭގޮތުން ދައުލަތުން ހުށަހެޅި އެ ރިޕޯޓް ހެދި ފުލުސް މީހާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވި އެވެ. އެއީ ރިޕޯޓުގައި އޮތް ތާރީޚާއި ފޮރެންސިކް ތަހުލީލަށް އެދުނު ލިޔުމުގައި އޮތް ތާރީޚު ދިމާ ނުވާތީއެވެ.

އެއަށް ޖަވާބުދެމުން ދައުލަތުން ބުނީ އެއީ ލިޔުމުގެ ކުށެއް ކަމަށް ބެލެވޭ ކަމަށާއި ރިޕޯޓް ހެދި މީހާގެ ހެކިބަސް ނެގުމުން އެކަން ސާފުވާނެ ކަމަށެވެ. އެހެންކަމުން ގާޒީ ހައިލަމް ނިންމެވީ އެ ފުލުސް މީހާގެ ހެކިބަސް ނެގުމަށެވެ.

ހެކިބަސް ދެމުން، އެ ފުލުސް މީހާ ބުނިގޮތުގައި ފޮރެންސިކް ރިޕޯޓުގައި އޮތް ތާރީޚާއި އެ ފޯނުގެ ފޮރެންސިކް ތަހުލީލަށް އެދުނު ކަމުގެ ލިޔުމުގައި އޮތް ތާރީޚާ ދިމާނުވަނީ ލިޔުމުގެ ކުށެއްގެ ސަބަބުން ކަމަށެވެ.

ޝާފިއުގެ ފޯނުން ފެނުނު މައުލޫމާތުތަކާ ގުޅިގެން ހެކިބަސް ދެމުން އޭނާ ބުނިގޮތުގައި އެ ފޯނު ފޮރެންސިކް ޑިޕާޓްމެންޓުން ޗެކް ކުރިއިރު އެއިން މައްސަލައާ ގުޅޭ ފޮޓޯތަކެއް ފެނުނު ކަމަށާއި، އެ ފޮޓޯތަކަކީ ވައިބާއިން އެ ފޯނަށް ލިބިފައިވާ ފޮޓޯތަކެއް ކަމަށެވެ. އެކަމަކު އެއީ ކާކު ފޮނުވި ފޮޓޯތަކެއްތޯ ނުބަލާ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އެ ފޮޓޯތަކަކީ މައްސަލައާ ގުޅުންހުރި އެއްޗެއް ކަން ކަނޑައެޅީ ކިހިނެއްތޯ ފާރިސްގެ ވަކީލުން ސުވާލު ކުރެއްވުމުން އެ ފުލުސް މީހާ ބުނީ އެގޮތަށް ކަނޑައެޅީ މައްސަލަ ތަހުގީގުކުރާ ފުލުހުންނާ ވެސް ވާހަކަ ދެއްކުމަށް ފަހު ކަމަށެވެ.

އެ މައްސަލާގެ އިތުރު އަޑުއެހުމެއް މާދަމާ ވެސް ބާއްވާނެ އެވެ. އެ އަޑުއެހުމަކީ ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހެޅި ބައެއް ލިޔުންތަކާ ބެހޭގޮތުން ވާހަކަ ދައްކަން ބާއްވާ އަޑުއެހުމެކެވެ.