ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަން ދެމެހެއްޓުމަށް ކޮންމެ ޤާނޫނަކަށް ވެސް އިސްލާޙް ގެނައުމަށް ތައްޔާރަށް ހުރި ކަމަށް ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފި އެވެ.
ޕީޕީއެމްގެ ފަރާތުން މިހެން ބުނެފައި ވަނީ އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.
މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މި ސަރުކާރަކީ ދުވަހަކު ވެސް ނުއުފެދޭ ވަރަށް ރައްޔިތުން އިސްކަން ދޭ ސަރުކާރެއް ކަމަށާއި އެހެންކަަމުން ސަރުކާރު ބަލިކަށިވާ ގޮތަށް މަސައްކަތް ކުރުމުގެ ޖާގައެއް އެއްވެސް ބަޔަކަށް ނުދޭނެ ކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ ވެރިކަމާ ދެކޮޅަށް ނިކުންނަ ކޮންމެ ބަޔަކާ ދެކޮޅަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށާއި އަދި އެމަނިފާނުގެ ވެރިކަން ދަމަހައްޓަން ކޮންމެ ޤާނޫނެއް ވެސް އިސްލާޙް ކުރާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭގެ މަޖިލިސް މެމްބަރުންނަކީ ޤައުމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނީއެއް ވަރަށް ކެރިގެން ވާން ތިބޭ ބައެއް ކަމަށާއި، އަދިވެސް އިތުރު ބިލުތައް ފާސް ކުރަން ޖެހިއްޖެއާ ކުރާނެ ކަމަށެވެ.
"ރައީސް ޔާމީންގެ ވެރިކަން ދަމަހައްޓަން އިސްލާހު ކުރަން ޖެހޭ ކޮންމެ ގާނޫނެއް ފާސް ކުރާނީ އިދިކޮޅު މީހުން ދައްކާ ވާހަކަތަކަށް ކުޑަވެސް ފަރުވާއެއް ނުބަހައްޓައި"، އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ފަރާތުން މަޖިލީހަށް ހުށަހަޅާ، ހަމައެކަނި ޕީޕީއެމްގެ މެމްބަރުންގެ ވޯޓާއި އެކު މިއަދު ފާސްކުރެވިގެން ދިޔަ އެންޓި ޑިފެކްޝަން ބިލާ ގުޅޭ ގޮތުން އަދުރޭ ވިދާޅުވީ އެއީ ރައްޔިތުންގެ ކަންބޮޑުވުމެއް ގޮތުގައި އެތަށް ދުވަހަކު އޮތް މައްސަލައަކަށް ކަމަށާއި ޕީޕީއެމް އަދި އެމްޑީއޭ ކޯލިޝަން އިން މިއަދު އެކަން ނިމުމަކަށް ގެނައި ކަމަށެވެ.
މިއަދު ޤައުމަށްޓަކައި ނިންމި ނިންމުމުގެ ސަބަބުން ދެން މަޖިލީހަށް ކުރިމަތިލާނީ އިހްލާސްތެރިން ކަމަށާއި، ގޮނޑީގެ ބޭނުމުގައި އަމިއްލަ ފައިދާ ބޭނުންވާ މީހަކަށް ދެން މަޖިލީހަކަށް ކުރިމަތިލާކަށް ނުކެރޭނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.