Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

"މޫސުމަށް އަންނަ ބަދަލުތަކަށް ރަނގަޅަށް އެބަ ހޭނޭ"

ދިވެހިން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކަށް ވަރަށް ރަނގަޅަށް ހޭނެމުން ކަމަށް އެންވަޔަރޮމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭރުގެ ނޫސްވެރިންނަށް އަމާޒުކޮށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ތޯރިގް ވިދާޅުވެފައިވަނީ މާލޭގެ އިރުމަތީ ފަރާތަށް ވަޑައިގަތުމުންވެސް މޫސުމަށް އަންނަ ބަދަލާ ގުޅޭގޮތުން ހޭނެން މަސައްކަތް ކުރާ ވަރު ފެނިގެން ދާނެ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މޫސުމަށް އަންނަ ބަދަލާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އިތުރަށް ވިދާޅުވަމުން ތޯރިގް ވަނީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިން ގައުމު ދޫކޮށް ދާން ނުޖެހޭ ގޮތަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިހާރު ސިޓީތައް ބިނާކުރާއިރު އެކަމަށް ވަރަށް ބޮޑަށް އިސްކަން ދީގެން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ވީހާވެސް ކުޑަކޮށް ކުރާނެ ގޮތަށް ސިޓީތައް ބިނާކުރަމުން އަންނަ ކަމަށްވެސް ތޯރިގް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ބިނާކުރަން ތިބި ސިޓީތައްވެސް ބިނާ ކުރާނީ އެކަމަށް ވިސްނައިގެން ކަމަށް ނޫސްވެރިންނާ މުޚާތަބުކޮށް ތޯރިގް ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ދިވެހިންނަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުގައި ނޫޅެވޭ ހިސާބަށް ކަންތައް ގޮސްފިނަމަ، އެހެން ގައުމުތަކަށް ހިޖުރަ ކުރުމަށް ވިސްނައި، ބޭރު ގައުމުތަކުން ބިން ގަތުމަށް ފަންޑެއްވެސް އެކުލަވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް މިސަރުކާރުން އެފަދަ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އެއީ ނަޝީދުގެ ފިކުރު ކަމަށް ތޯރިގް ވަނީ އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އަދި އަމާޒަކީ ވީހާވެސް ބޮޑަށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން ކަމަށް މިނިސްޓަރު ވަނީ ތަކުރާރުކޮށްފައެވެ.

ދިވެހި ރާއްޖެ އުފެދިފައި އޮންނަ ގޮތުގެ ސަބަބުން، މިހާރު މޫސުމަށް އަންނަ ބަދަލުތަކާއެކު ކަނޑުގެ ލޮނުގަނޑު އުފުލި، ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ސައިންސްވެރިން ވަނީ މީގެކުރިންވެސް އިންޒާރު ދީފައެވެ. އަދި އޭގެ ނިޝާންތައް ރާއްޖޭގެ ހުރިހާ ރަށަކުންވެސް މިހާރުއްސުރެން ވަނީ ފެންނަން ފަށާފައެވެ. ބައެއް ރަށްތަކުގެ އައްސޭރި ފަށުގައި ދިރިއުޅޭ ގެތަކާއި ހިސާބަށް ރާޅު ބޮޑުވާ ދުވަސްވަރު ލޮނުގަނޑު ވަދެގެން ދެއެވެ.

ސަރުކާރުގެ އަމާޒަކީ މޫސުމަށް އަންނަ ބަދަލުތަކަށް ވީހާވެސް ބޮޑަށް ހޭނެން ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި ނަމަވެސް ހޭނުމަށް ކުރަނީ ކޮން މަސައްކަތެއްތޯ އެމަނިކުފާނު ވިދާޅުވެފައެއް ނުވެއެވެ.