ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ބޮޑު އެއްވުމަކީ ބަޣާވާތުގެ ރޭވުމެއް ކަމަށް ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް، ޑރ. އަބްދުﷲ ޚަލީލާ ހަވާލާދީ "އަވަސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިދިކޮޅު ފަރާތްތަކުން ރާވަމުންދަނީ ސަރުކާރު ވައްޓާލުމަށް ކަމަށެވެ. އަދި އެއީ ބަޣާވާތުގެ އެއްވުމެއް ކަމަށާއި އެ އެއްވުމުގައި ރައްޔިތުން ބައިވެރިނުވުމަށްވެސް ޚަލީލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ޚަލީލް އިތުރަށް ވިދާޅުވެފައިވަނީ އިދިކޮޅު ފަރާތްތަކުން އެކި ފަހަރު މަތިން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި އެއިން ކޮންމެ ފަހަރަކު އެބޭފުޅުން ނާކާމިޔާބު ކޮށްފައިވާ ގޮތަށް މިފަހަރުގެ ރޭވުންވެސް ނާކާމިޔާބު ކުރެވޭނެ ކަމަށެވެ.
ހުކުރު ދުވަހު ބާއްވާ އެއްވުމަކީވެސް އެ ނިޔަތުގައި ބާއްވާ އެއްވުމެއް ކަމަށާއި އެހެންކަމުން އެއެއްވުން ވާނީ ޣައިރު ގާނޫނީ އެއްވުމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ބާއްވާ އެއްވުންތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުން ކުރަމުން އަންނަތަން ފެނެމުން ދެއެވެ. ނަމަވެސް ސަރުކާރު ކޯލިޝަނުން ބާއްވާ ހަރަކާތްތަކަށް ފުލުހުންގެ އެއްބާރުލުންވެސް ލިބެއެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ވެސް ވަނީ ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުން އަންނަ ކަމަށް ބުނެފައެވެ.