އަންނަ ހުކުރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެގޮސް ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަނިކޮށް މިރޭ ކުއްލި ބޮޑު އެއްވުމެއް ބާއްވަން އިދިކޮޅު ސިޔާސީ ފަރާތްތަކުން ނިންމައިފިއެވެ.
މީގެ ކުޑައިރު ކޮޅެއް ކުރިން އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސް ކޮންފަރެންސެއްގައި އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މާލީ އަދި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ހުކުރު ދުވަހަށް ބޮޑު އެއްވުން ބާއްވަން ވެސް ލަސް ކުރެވެން ނެތް ކަމަށެވެ.
އެހެންވެ މިރޭ 8:30އަށް ވީހާވެސް ގިނަ ބަޔަކު ޗާނދަނީ މަގާއި މަޖީދީ މަގު ގުޅޭ ޖަންކްޝަނަށް އެއްވުމަށް ވަނީ ގޮވާލާފައެވެ.
މި ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސެއިން ވިދާޅުވީ ގައުމު ފުނޑުފުޑުވެގެންދާތަން ބަލަން ތިބެވެން ނެތްކަމަށާޢި އެންމެންވެސް މިރޭ ނިކުންނަން ޖެހޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މިގޮތަށް ގޮވާލިއިރު މީގެ ކުރިންވެސް ކޮންމެ ރެއަކު މާލެ ތެރެއަށް އެކި ފަރާތްތަކުން ދިޔައީ އެއްވަމުންނެވެ. ނަމަވެސް މިއީ މިފަހުން އިދިކޮޅު ފަރާތްތަކުން ރަސްމީކޮށް އެދުނު ފުރަތަމަ ފަހަރެވެ.
އަންނަ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވަމުން އަންނައިރި ފުލުހުން ބުނެފައިވަނީ އެއްވުމަކީ ސަރުކާރު ވައްޓަލަން ބާއްވާ އެއްވުމެއް ކަމަށެވެ.