މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) ގެ މެމްބަރުކަމަށް ޗެނަލް 13 ގެ ނިއުސް ހެޑް އަމްޖަދު ވަހީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ މަޤާމަށް އަމްޖަދު އައްޔަން ކުރަން ފާސްކުރީ 36 މެމްބަރުންގެ ވޯޓުންނެވެ.
ކޮމިޓީން އިންޓަވިއު ކުރުމަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަމްޖަދަށް ދީފައިވަނީ 76.6 މާކުސްއެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސް އިސްކަން ދެއްވާ ތަރުތީބުން ނަންތައް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިރު އެންމެ ކުރީގައި ހިމަނާފައިވަނީ އަމްޖަދުގެ ނަމެވެ. ދެވަނާގައި ހިމަނާފައި އޮތީ މުހައްމަދު ޝަމީމު ކަމުގައިވާއިރު، ތިންވަނާގައި ހިމަނާފައި އޮތީ މުހައްމަދު ސައުޒަމްއެވެ. އަދި ކޮމިޝަނުގެ މިހާރުގެ ނައިބް ރައީސް މުހައްމަދު އަސްލަމުގެ ނަން ހިމަނާފައިވަނީ ހަތަރު ވަނާގައެވެ. ފަސް ވަނަ އަސް ފޮނުވާފައިވަނީ މަޖުދު ރަޝީދުގެ ނަމެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ބޭފުޅަކު އައްޔަނު ކުރުމަށް މަޖިލީހަށް ފޮނުއްވީ މިހާރު އެކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމުގައި ހުންނެވި މުހައްމަދު އަސްލަމްގެ ދައުރު ހަމަވާތީ އެވެ.
އަސްލަމް ބްރޮޑްކޮމްގެ މެމްބަރު ކަމަށް އައްޔަނުކުރެއްވީ 2013 ވަނަ އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.