ސަރުކާރު "ހުއްޓުވައި، ވައްޓާލަން" އަންނަ ހުކުރު ދުވަހު މާލޭގައި އިދިކޮޅު ފަރާތްތަކުން ބާއްވަން ރާވައިފާ އެއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެގޮތުން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ "ހުއްޓުވާ"ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ބާއްވަން އުޅެނީ ޣައިރު ގާނޫނީ އެއްވުމެއް ކަމަށާއި، އެ އެއްވުމުގައި ސަރުކާރާ ދެކޮޅަށް ހަމަނުޖެހުން ހިންގައި، މާލެ ތެރޭގެ އަމާންކަން ނަގާލަން ރާވާފައިވާ ކަމަށެވެ.
އެހެންކަމުން އެ މައްސަލައިގައި ބަޔަކު ހައްޔަރުކޮށް މިހާރު ވެސް ތަހުޤީޤު ހިންގަމުން އަންނަ ކަމަށް ޝިފާން ވިދާޅުވި އެވެ. އެކަމަކު އެ ތުހުމަތަށް ހައްޔަރުކުރީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ޝިފާން ވިދާޅުވީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލައި ސަލާމަތީ ބާރުތަކާ ކުރިމަތިލައި އެކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކައި ތާރީޚަކަށް ފަހު ތާރީޚެއް ކަނޑައަޅައި އެއްވުންތައް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް ގޮވާލާ ގޮވާލުންތަކަކީ ގާނޫނާ ޚިލާފު ކަންކަން ކަމަށެވެ.
އަދި އެފަދަ ޤާނޫނާ ޚިލާފު ކަންކަން ކުރާ ފަރާތްތައް ހުއްޓުވައި ފުލުހުން ފިޔަވަޅު އަޅާނެ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.
މީގެ އިތުރުން މީހުން މާލެ ގެނައުމަށް ބައެއް ރަށްރަށުގައި ތިބި ނުފޫޒު ގަދަ މީހުން މަސައްކަތް ކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ރަށްރަށުގައި ހުރި އުޅަނދުތަކަކީ ވަކި ކަންކަމަށް ހުއްދަ ދީފައިވާ އުޅަނދުތަކެއް ކަމަށާއި އެއާ ޚިލާފުވެ މީހުން މާލެ ގެންނަ ނަމަ، އުޅަނދުތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ޝިފާން ވަނީ ވިދާޅުވެފަ އެވެ.