Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

އެކްސިޑެންޓްތައް ހުއްޓުވަން މަޝްވަރާކޮށްފި

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު މިފަހަކަށް އައިސް އިތުރުވެފައިވާތީ އެކަމަށް އެޅޭނެ އަވަސް ފިޔަވަޅުތަކާ މެދު މަޝްވަރާކޮށް ހިޔާލު ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އައްޑޫ ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް މަޝްވަރާކޮށްފި އެވެ.

އެ ބައްދަލުވުމުގައި، އެކްސިޑެންޓްތައް މަދު ކުރުމަށްޓަކައި އެފަދަ ހާދިސާތައް ދިމާވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް ފާހަގަކޮށް އެކަންތައްތައް ހައްލު ކުރުމަށް މިހާރުން މިހާރަށް އެޅެން ހުރި ފިޔަވަޅުތަކާ މެދު ބައިވެރިންގެ މެދުގައި މަޝްވަރާ ކުރި އެވެ.

އެގޮތުން އޯވާޓޭކް ކުރެވޭނެ ތަންތަނާއި އެފަދަ ޤަވާއިދުތައް އަންގައި ދިނުމަށް ހުންނަ ނިޝާންތައް ރަނގަޅަށް އެނގޭނެހެން ކުރަހައި ކެޓްސް އައި ހަރުކުރުމާއި ބާރު ސްޕީޑްގައި ދުއްވާ މީހުންނާއި އަދި އެނޫން ވެސް ޤަވާއިދުތަކާ ޚިލާފުވާ މީހުން ހުއްޓުވުމަށް އެދެވިގެންވާ ގޮތެއްގައި މަސައްކަތްކޮށް، އެކްސިޑެންޓްތައް މެދުވެރިވާލެއް ގިނަކަން ފާހަ ގަކުރެވޭ ސަރަހައްދުތަކުގައި ރަމްބަލް ސްޓްރިޕްސް ބޭނުން ކުރުމާއި، ޕާކިންގް ޒޯންތަކަށް މީހުން އަހުލުވެރު ކުރުވަން މަޝްވަރާ ކުރި އެވެ.

އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ފާހަގަ ކުރެއްވި ގޮތުގައި، މަގުތަކުގައި ކުރަހާފައިވާ ނިޝާންތައް ސާފު ނުވާ ވަރަށް މަގުތައް ހިރަފުސްވުމާއި ޕާކިންގް ޒޯންތަކުގައި ޕާކް ނުކުރެވޭ ވަރަށް ޗަކަސް ހެދިފައި ހުރުމުގެ ސަބަބުން ދުއްވާ އެއްޗެހި ޕާކިން ޒޯނުން ބޭރު ޕާކްކޮށްފައި ހުންނަ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން އެކްސިޑެންޓްތައް ދިމާވުމަށް މަގުފަހިވާ ކަމަށާއި މިކަން ހައްލު ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މޭޔަރު ފަހާގަކުރެއްވި ގޮތުގައި ކައުންސިލުން ތައްޔާރުކޮށްފައިވާ ތަރައްޤީގެ ޕްލޭންގައި މަގުތަކަކީ މީހުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ހިންގާނެ ހަރަކާތްތައް ކަނޑައަޅާފައިވެ އެވެ.

އޭގެ ތެރޭގައި މަގާއި ދުވާރުތަކާއި، ކަފިހި ހުރަސްތަކާއި ޕާކިން އާއި ބަސް ސްޓޮޕްތައް ހުންނަން ޖެހޭ ގޮތުގެ ހަމަތައް ކަނޑައެޅުމާއި އެއްކޮޅަށް ދުއްވާ މަގުތައް ކަނޑަޅައި ހަމައެކަނި ހިނގައި ބިނގައި އުޅޭ މަގުތަކާއި ސަރަހައްދުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.

ބައްދަލުވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަުރ ޖެނެރަލް މުޙައްމަދު ރަފީޢު ވިދާޅުވީ، އެކްސިޑެންޓްތައް މަދު ކުރުމަށް ކުރެވޭ މަޝްވަރާތަކަކީ ހުސް އެކަނި ވާހަކަތަކެއް ކަމަށްވެ ނުދިނުމަށް ޓްރާންސްޕޯޓް އޮތޯރިޓީން އަޒުމް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ކައުންސިލުން ދިން ހިޔާލުތައް ބޭނުން ކުރައްވާނެ ކަމެށް ވިދާޅުވި ވެ.