Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ނޫ ކޭމްޕްގައި ޗެލްސީ އަށް މެސީ ނުހުއްޓުވުނު

REUTERS

ޔުއެފާ ޗެމްޕިއަންސް ލީގު ނޮކް-އައުޓް ރައުންޑުގައި ރޭ ބާސެލޯނާ އަދި ޗެލްސީ ބައްދަލުކުރި މެޗުގެ ދެވަނަ ލެގު ފަސޭހަކަމާއެކު (1-4):0-3 އިން ބާސެލޯނާ ކާމިޔާބުކޮށް، ޗެލްސީ ކަޓުވާލައިފިއެވެ.

ފުރަތަމަ ލެގު، ލަންޑަނުގައި ކުޅެ 1-1 އިން އެއްވަރުވެފައިވަނިކޮށް ރޭ ސްޕެއިންގައި ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު މެސީ ވަނީ ޗެލްސީ ކޮޅަށް ގޯލު ޖަހާފައެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި ޗެލްސީ ޑިފެންސް ފޫއަޅުވާލައި ގޯލު ލައިނު ކައިރިން ލިބުނު ބޯޅައެއް މެސީ ވަނީ ގޯލު ތެރެއަށް ފޮނުވާލާފައެވެ.

ޗެލްސީން ޖަވާބުގައި ހަމަލާތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ބާސާ ޑިފެންސް ލައިން ރޭ އޮތީ މާ ހުށިޔާރު ކަމާއެކުގައެވެ. ކީޕަރު ސްޓާޖަން އަށް މާބޮޑު ހާސްކަމެއް ޗެލްސީ ފޯވާޑުންނަށް ކުރިމަތި ނުކުރެވުނެވެ.

ބާސާއިން ދެވަނަ ލަނޑު ޖެހީ 20 ވަނަ މިނެޓުގައި މެސީ ވަރަށް ހުސްކޮށް ޑެމްބެލޭއަށް ދިން ބޯޅައަކުން، ޑެމްބެލޭއެވެ. ޗެލްސީގެ ފަހު ލަނޑު ދެވަނަ ހާފުގައި، ޖެހީ އަނެއްކާވެސް މެސީއެވެ. ފުރަތަމަ ލެގުގައި ބާސާގެ ހަމައެކަނި ލަނޑުވެސް ޖަހާފައިވަނީ މެސީއެވެ.

ރޭ ބެޔާން މިއުނިކް އަދި ބެސިކްޓާސް ބައްދަލުކުރި މެޗު ބެޔާންވެސް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. ބެޔާން މިމެޗު ކާމިޔާބުކުރީ (1-8)1-3 އިންނެވެ. ފުރަތަމަ ލެގު 0-5 އިން ކާމިޔާބުކޮށް ދެވަނަ ލެގަށް ބެޔާން ނިކުތީވެސް ވަރަށް ބޮޑު ޔަގީންކަމަކާ އެކުގައެވެ.

ބެޔާންގެ ގޯލުތައް ތިއާގޯ އަލްކަންޓާރާ އަދި ވެގްނާ ކާމިޔާބުކޮށްފައިވާއިރު ބެސިކްޓާސްގެ ގޯނުލް އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ. ބެސިކްޓާސްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ލޮވްއެވެ.

މޮޅުވި ޓީމުތައް ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ކަށަވަރުކޮށްފައިވާއިރު މިއަހަރުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ޓީމުތަކަކީ ބާސާ އަދި ބެޔާންގެ އިތުރުން ރެއާލް މެޑްރިޑް، ޔުވެންޓަސް، މެންޗެސްޓާ ސިޓީ، ލިވަޕޫލް، އޭއެސް ރޯމާ އަދި ސެވީއާއެވެ.