ފުލުހުންގެ ޔުނިފޯމްގައި ތިބި ބަޔަކު ފުލުހުންނަށް އައިރު ގާނޫނީ އަމުރު ނުކުރުމަށް ގޮވާލައި ނެރެފައިވާ ވީޑިއޯގެ މައްސަލަ ބަލަން ފަށައިފި އެވެ.
ޔޫޓިއުބްގައި އާއްމުކޮށްފައިވާ ވީޑިއޯ އާއި ގުޅިގެން ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަކަމަށެވެ. ޝިފާން ވިދާޅުވީ އެ ވީޑިއޯއިން ފެންނަނީ ފުލުހުންކަމެއް ޔަގީން ކުރެވިފައި ނުވާކަމަށެވެ.
ފުލުހުންގެ ޔުނިފޯމްގައި މޫނު ނިވާކޮށްގެންތިބި ތިން މީހަކު ވަނީ ފުލުހުންގެ މައްޗަށް އައިރު ގާނޫނީ އަމުރު ނުކުރުމަށް ފުލުހުންގެ އިސްވެރިންނަށް ގޮވާލައިފައެވެ.
އެ ވީޑިއޯގައި ތިބި މީހުން ބުނެފައިވަނީ ފުލުހުންގެ މުވައްސަސާ ސިޔާސީ ނުކުރުމަށާއި އެކަން ހުއްޓާ ނުލައިފި ނަމަ އެޕްރީލް 1 ވަނަ ދުވަހު މުވައްސަސާގެ ދިފާއުގައި ނިކުންނާނެ ކަމަށެވެ.
މިފަދަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ސުޕުރީމް ކޯޓުން ފެބްރުއަރީ 1 ވަނަ ދުވަހު ނެރުނު އަމުރާއި ގުޅިގެން ފުލުހުންގެ އެސްއޯ ބައެއް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.