Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޕީއެސްއެމަށް ވޯލްޑްކަޕް ރައިޓްސް ހޯދަން ރައީސްގެ ލޯން!

މިއަހަރުގެ ޖޫން މަހު ރަޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ޓީވީ ރައިޓްސް ގަތުމަށް ޕަބްލިކް ސަރވިސް މީޑިޔާއަށް ބޭނުންވި ފައިސާ ލޯނެއްގެ ގޮތުގައި ދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބުދުލްލަތީފް ވިދާޅުވެއްޖެއެވެ.

އިކްރާމް މިހެން ވިދާޅުވީ، ވޯލްޑްކަޕްގެ މެޗުތައް ޕީއެސްއެމް އިން ދައްކާނެކަން ހާމަކުރުމުގެ ގޮތުން، ޕީއެސްއެމްގެ "ރަންތަށި" ލޯންޗްކުރުމަށް ފާއިތުވި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.

"އެފަރާތަށް (ސޮނީ ޕިކްޗާސްއަށް) ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި އަޅުގަނޑުމެންނަށް ބޭނުންވި ލޯން އެހީއެއް ނުވަަތަ އަނބުރާ ދައްކާ ގޮތަށް އެހީއެއް، އަޅުގަނޑުމެންނަށް ހަމަޖައްސައި ދެއްވީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، " އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވި ގޮތުގައި ސޮނީ ޕިކްޗަރސް އަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ބޭނުންވީ ލޯން އެހީ ނުވަތަ އަނބުރާ ދައްކާ ފައިސާ ޕީއެސްއެމް އަށް ހަމަޖައްސައި ދެއްވީ ރައީސް ޔާމީނެވެ. އެހެން ނަމަވެސް ރައީސް ޔާމީން ހަމަޖައްސަވައި ދެއްވި ލޯނާއި ބެހޭގޮތުން އިތުރު ތަފްސީލެއް އިކްރާމް ހާމަކޮށްފައެއް ނުވެއެވެ.

"އެފަރާތަށް (ސޮނީ ޕިކްޗާސްއަށް) ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި އަޅުގަނޑުމެންނަށް ބޭނުންވި ލޯން އެހީއެއް ނުވަަތަ އަނބުރާ ދައްކާ ގޮތަށް އެހީއެއް، އަޅުގަނޑުމެންނަށް ހަމަޖައްސައި ދެއްވީ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސަރުކާރުގެ ފަރާތުން." އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވި ގޮތުގައި ދެކުނު އޭޝިޔާ ސަރަހައްދުން ވޯލްޑްކަޕްގެ ރައިޓްސް ނަގާފައި އޮތް ސޮނީ ޕިކްޗަރސް އާޢި ވާހަކަ ދެއްކުމުން އެފަރާތުން އެންމެ ފުރަތަމަ ކިޔާފައި ވަނީ "އަތް ނުފޯރާވަރުގެ" ވަރަށް ބޮޑު އަގެއް ކަމަށެވެ. އެހެން ނަމަވެސް 2017ގެ ޑިސެމްބަރު މަހުގެ ތެރޭގައި ސޮނީ ޕިކްޗަރސް އާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަށީގެންވާ އަގެއްގައި ކަމަށެވެ.

ރައީސް ޔާމީން ލޯނެއް ހަމަޖައްސައި ދެއްވި ކަމަށް އިކްރާމް ވިދާޅުވެފައި ވާއިރު، ލޯނު ދޫކުރުމަކީ ވެސް ވިޔަފާރިއެކެވެ. އަދި ވިޔަފާރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކު ކޮށްގެން ނުވާނެ ކަމަށް ޤާނޫނު އަސާސީގެ 119 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ ކަމެއް ވެސް މެއެވެ.

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 119 ވަނަ މާއްދާގެ(ހ) : ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަ މީހަކު ސަރުކާރުގެ އެހެން މަގާމެއް، އަދި ފައިދާއެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެނެއް ނުވާނެއެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެ، އާމްދަނީއެއް ހޯދުމަށް ފަންނީ މަސައްކަތްތަކެއްގައި ޝާމިލުވެ، އާމްދާނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެއެވެ. ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެނެއް ނުވާނެއެވެ. އަދި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުޢާމަލާތެއްގައި ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހެއްގެ ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނަ މީހެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެނެއް ނުވާނެއެވެ.