Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ފަނޑިޔާރުން ދޫކޮށްލަން ބާ އެސޯސިއޭޝަނުން ގޮވާލައިފި

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު

ޤާނޫނާއި ޚިލާފަށް ސަރުކާއުން އިއުލާންކުރި ކުއްލި ޙާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު ވަގުތުން މިނިވަން ކުރުމަށް އެމެރިކާގެ ބާ އެސޯސިއޭޝަނުން ގޮވާލައިފިއެވެ.

އެމެރިކަން ބާ އެސޯސިއޭޝަން އިން އެހެން ގޮވާލާފައިވަނީ އިއްޔެ ނެރުނު ބަޔާނެއްގައެވެ.

އެޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ޤާނޫނީ އިޖުރާއަތުތަކުގެ ބޭރުން ކަމަށާއި، ޤާނޫނު އަސާސީއާއި ބައިނަލްއަޤްވާމީ ހަމަތަކާ ވެސް ޚިލާފަށް ރާއްޖޭގެ އެންމެ މަތީ ދެ ފަނޑިޔާރަކު ހައްޔަރުކޮށްފައިވާތީ އެ ޖަމިއްޔާއިން އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ކޯޓުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ހައްޔަރުކޮށްފައިވާ ދެ ފަނޑިޔާރުން މިނިވަންކޮށް އެބޭފުޅުންގެ މަޤާމުތަކަށް ރުޖޫޢަ ކުރުމަށް ގޮވާލާ ކަމަށް ވެސް އެޖަމިއްޔާއިން ނެރުނު އެބަޔާނުގައި ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލުމަށް ރިޝްވަތު ހޯއްދެވި ކަމުގެ ތުހުމަތާއިއެކުއެވެ.

އެގޮތުން ސަލާމަތީ ބާރުތަކުން ސްޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރުކޮށް ގެންގޮސްފައިވަނީ ބިންމައްޗަށް ވައްޓާލައި، ދަމާ ކޫއްތާފައިކަމަށްވެސް އެމަނިކުފާންގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓްގެ އެހެން ފަނޑިޔާރެއް ކަމުގައިވާ އަލީ ހަމީދު ވެސް ހުންނެވީ ރިޝްވަތު ދީގެން ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެހެނިހެން ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ޙުކުމްކޮށް ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު މިހާރު ވަނީ އެ ކޯޓްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފަ އެވެ.

އަދި އެ ޙުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓްގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އަބްދުﷲ ސައީދު އާއި އަލީ ހަމީދުގެ މައްޗަށް ކޮށްފައެވެ.