ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރިއަށްގެންދާ ސިލްސިލާ އެއްވުންތައް ދޫދިނުމެއް ނެތި އަދިވެސް ކުރިއަށް ދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ ދިވެހި ރައްޔިތުންގެ ތެރޭގައި މިހާރު އުފެދިފައިވާ ޖޯޝާއި ޝައުޤު ހިފަހައްޓާނެ ކަމަށާއި ދިވެހިން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ.
އަދި ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މުޒާހަރާގައި ބައިވެރިވި އެހެނިހެން ފަރާތްތަކަށް ވެސްމަރުހަބާ ދަންނަވާފައެވެ.
This momentum will be held. Maldivians will continue their protest. Congratulations to all arrested last night including MPs @MariyaDidi, @AleeVoice, Ameeth, former Minister @AslamAslamtey, & other opposition protesters. We will not give up.
— Mohamed Nasheed (@MohamedNasheed) March 15, 2018
އަންނަ ހުކުރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެގޮސް ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަނިކޮށް ހުކުރު ދުވަހަށް ބޮޑު އެއްވުން ބާއްވަން ލަސް ކުރެވެން ނެތް ކަމަށް ބުނެ ރޭ މަޖީދީ މަގަށް އެއްވުމަށް ގޮވާލާފައެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާއިން 15 މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
އިދިކޮޅު ފަރާތްތަކުން 16 ވަނަ ދުވަހު މުޒާހަރާ ކުރަނީ ސަރުކާރު ވައްޓާލަން ކަމަށާއި އެ މުޒާހަރާއަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.