މިއަދު މެންދުރު ފަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިއަށް އެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
މިވަގުތު އަވަށްޓެރި ސްރީލަންކާގައި ހުންނެވި ރައީސް ނަޝީދު މިހެން ގޮވާލެއްވީ ދާދި ދެންމެ އަކު ކުރެއްވި ޓުވީޓެއްގައި އެވެ.
Miadhu mendhurufahu 1.30 ah veehaaves gina beyfulhun MMA kaariah vadaigaiy dhevvun edhen. Kaamiyaab akee gadha alhaa masaiykaiykuraa alhunge ehcheh
— Mohamed Nasheed (@MohamedNasheed) March 15, 2018
އެ ޓްވީޓްގައި ރައީސް ނަޝީދު ވަނީ މިއަދު މެންދުރުފަހު 13:30 އަށް ވީހާވެސް ގިނަ ބޭފުޅުން އެމްއެމްއޭ ކައިރިއަށް ވަޑައިގަތް ދެއްވުމަށް އެދިލައްވާފައެވެ. އަދި ކާމިޔާބަކީ ގަދައަޅާ މަސައްކަތް ކުރާ އަޅުންގެ އެއްޗެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
މިއަދު މެންދުރުފަހު އެމްއެމްއޭ ކައިރީ މުޒާހަރާ ކުރުމަށް ނަޝީދު ގޮވާލައްވާފައި ވާއިރު، ރައީސް ޔާމީންގެ ވެރިކަމާއި ދެކޮޅަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުރިއަށްގެންދާ ސިލްސިލާ އެއްވުންތައް ދޫދިނުމެއް ނެތި އަދިވެސް ކުރިއަށް ދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފަ އެވެ.
އަދި ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި މުޒާހަރާގައި ބައިވެރިވި އެހެނިހެން ފަރާތްތަކަށް ވެސް މަރުހަބާ ދަންނަވާފައެވެ.
އަންނަ ހުކުރު ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މާލެގޮސް ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަނިކޮށް ހުކުރު ދުވަހަށް ބޮޑު އެއްވުން ބާއްވަން ލަސް ކުރެވެން ނެތް ކަމަށް ބުނެ ރޭ މަޖީދީ މަގަށް އެއްވުމަށް ގޮވާލާފައެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ކުރި މުޒާހަރާއިން 15 މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
އިދިކޮޅު ފަރާތްތަކުން 16 ވަނަ ދުވަހު މުޒާހަރާ ކުރަނީ ސަރުކާރު ވައްޓާލަން ކަމަށާއި އެ މުޒާހަރާއަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.