Last Updated: June 27, 11:22
Saturday, June 27, 2026
ޚަބަރު

މި ލަނީ ބަޣާވާތުގެ ހިތި ރަހަ: ޝެއިޚް ހުސައިން

ޝެއިޚް ހުސައިން ރަޝީދު އަހުމަދު- ފޮޓޯ: ވީއެފްޕީ

ރާއްޖެއިން މިއަދު މިފެންނަ ކަންކަމަކީ 7 ފެބްރުއަރީ 2012 ގައި ގެނައި ބަޣާވާތުގެ ސަބަބުން ފެނިގެންދާ ކަންތައްތަކެއް ކަމަށް ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން ޝެއިޚް ހުސައިން ވިދާޅުވީ މިލަނީ ބަޣާވަތުގެ ހިތި ރަހަކަމަށެވެ.

ޝައިޚް ވިދާޅުވީ ބަޣާވާތަކީ ނުރައްކާތެރި ކަމެއްކަން މިހާރު އެނގޭނެ ކަމަށާއި 2012 ވަނަ އަހަރު ހިންގި ބަޣާވާތުގައި ބައިވެރިވި މީހުންގެ ތެރެއިން އުމަރު ނަސީރު ފިޔަވައި އެންމެން މިހާރު އެތިބީ ޖަލުގައި ކަމަށް ވެސް ޝައިޚް ހުސައިން ވިދާޅުވި އެވެ.

މީގެ އިތުރުން ބަޣާތާތުގެ އެހިތި އަދިވެސް ފިލައިގެން ނުދާކަމަށާއި މިކަން ނިމޭނީ އެހިތި އެންމެންގެ ކަރުބުޑުގައި ލައިގެން ކަމަށްވެސް ޝެއިޚް ހުސައިން ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށްލި "ބަޣާވާތަށް" ފަހު މިހާރު އެއްވެސް މީހަކަށް ރައްކާރެތިކަމެއް ނެތްކަން ފާހަގަކުރައްވަމުން ޝެއިޚް ހުސައިން ވިދާޅުވީ ޚުދު އެމަނިކުފާނަށް ވެސް މާދަމާވެސް ހައްޔަރުކޮށްގެން ނުގެންދާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްކަމަށެވެ.

7 ފެބްރުއަރީ 2012 ގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައީ އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުން އިސްކޮށް ތިއްބަވައިގެން ފުލުހުންނާއި ސިފައިން ބޭނުން ކޮށްގެން ކުރި ބަޣާވާތަކުންކަމަށް ރައީސް ނަޝީދު ނިސްބަތްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ވަނީ ތުހުމަތު ކޮށްފައެވެ.

އެހެންނަމަވެސް، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ތަހުޤީޤު ކުރުމަށް އެކުލަވާލި އިންކުއަރީ ކޮމިޝަނުން ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުން ނޫންކަމަށް ކަނޑައަޅާފައެވެ.

ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްރޯލެއް އަދާކުރެއްވި ސިޔާސީ ގިނަ ލީޑަރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ އެމްޑީޕީ ހިމެނޭ އިދިކޮޅު އިއްތިހާދުގެ ބައިވެރިންގެ ގޮތުގައިކަން ފާހަގަކޮށްލެވެ އެވެ.