Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

މާވަރުލާ އެއާޕޯޓް އަޅަން އެމްޓީސީސީ އަށް

ގދ. މާވަރުލާގައި އެއާޕޯޓް އެޅުމަށް އެމްޓީސީސީ އާއި މިއަދު ހަވާލުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓް މަޝްރޫއުގައި ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު އާއި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިއްޔަތުއެވެ.

57 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން މާވަރުލާގައި ހަދާ އެއާޕޯޓު މަޝްރޫއުގެ ދަށުން 1،220 މީޓަރުގެ ރަންވޭގެ އިތުރުން ޓެކްސީވޭ އާއި އޭޕްރަން ހަދާނެއެވެ. މީގެ އިތުރުން އެރަށުގެ ޖެޓީ ހަދާނީވެސް އެމްޓީސީސީންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މާވަރުލާ އެއާޕޯޓްގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ށ.ފުނަދޫގައި ހަދާ އެއާޕޯޓަށް ބޭނުންވާ ސާމާން ހޯދުމަށްވެސް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

160 ދުވަހުން ނިންމުމަށް ހަވާލު ކުރި މި މަޝްރޫއު މުއްދަތުގެ ކުރިން ނިންމާލާނެކަމަށް ސީއީއޯ ޒިއްޔަތުވަނީ ވިދާޅުވެފައެވެ.