Last Updated: June 27, 18:03
Saturday, June 27, 2026
ޚަބަރު

ފެމިލީ ލީގަލް ކްލިނިކްގެ ޚިދުމަތް އައްޑޫގައި ފަށަނީ

"ފެމިލީ ލީގަލް ކްލިނިކް" ގެ ޚިދުމަތް އަންނަ ހަފުތާގައި އައްޑޫގައި ފަށަން ތައްޔާރުވެއްޖެ އެވެ.

ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން ހިލޭ ސާބަހަށް ފޯރުކޮށްދޭ ޤާނޫނީ ލަފާދިނުމުގެ ޚިދުމަތްތައް އައްޑޫ ސިޓީގައި ފަށާނީ މާޗު މަހުގެ 19 ވާ ހޯމަ ދުވަހުގެ ރޭ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އަދި އެޖަމިއްޔާގެ ޚިދުމަތް ލިބޭނީ ކޮންމެ ހޯމަ ދުވަހެއްގެ ރޭ ބާއްވާ ލީގަލް ކޮންސަލްޓޭޝަން ބައްދަލުވުންތައް މެދުވެރިކޮށް ކަމަށްވެސް އެޖަމިއްޔާއިން ބުނެއެވެ.

ފެމިލީ ލީގަލް ކްލިނިކް އިން މަޢުލޫމާތު ދޭގޮތުގައި އައްޑޫ ސިޓީގައި ދިރިއުޅޭ ރައްޔިތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމަށް އެދި ގުޅާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 15:00 އަށް އެޖަމިއްޔާގެ އައްޑޫ ހޮޓްލައިން 9989881 އަށެވެ.

އައްޑޫ ސިޓީގައި މި ޚިދުމަތް ފަށަނީ، ކޮލޮމްބޯގައި ހުންނަ އެމެރިކާ އެމްބަސީގެ ހިލޭ އެހީއާ އެކު ހިންގާ ޕްރޮޖެކްޓެއްގެ ދަށުންނެވެ.

ފެމިލީ ލީގަލް ކްލިނިކް އިން ބުނާ ގޮތުގައި އައްޑޫ ސިޓީގައި ޤާނޫނީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންނާއި އައްޑޫ ސިޓީ މަރަދޫގައި ހިންގާ ލޯ ފާމް "ލޯކްރާފްޓް"ގެ ވަކީލުންނާއި މުވައްޒަފުން ހިމެނޭ ގޮތަށް މިހާތަނަށް ވަނީ ޖުމްލަ 17 ފަރާތެއް ތަމްރީނުކޮށްފައެވެ.

ފެމިލީ ލީގަލް ކްލިނިކުގެ ޚިދުމަތުގެ އިތުރުން، އައްޑޫ ސިޓީގެ ކޮންމެ އަވަށަކަށް އަމާޒުކޮށްގެން، އާއިލާއާ ބެހޭ ޤާނޫނާއި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ލިބޭ ހައްޤުތަކާއި ބެހޭ މަޢުލޫމާތުގެ އިތުރުން ކަމާ ބެހޭ ކޯޓު ފޯމުތައް ފުރާނެ ގޮތާބެހޭ މައުލޫމާތު ދީ، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކެއް ވެސް ހިންގަން ހަމަޖެހިފައިވާ ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

ފެމިލީ ލީގަލް ކްލިނިކްގެ ޚިދުމަތް އައްޑޫގައި ފަށާއިރު، ރާއްޖޭގައި އުޅޭ ޤާނޫނީ ވަކީލުންގެ 99 އިންސައްތަ ވަކީލުން މަސައްކަތް ކުރަނީ މާލޭގައިކަން ފާހަގަކޮށްލެވެ އެވެ.