Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ކުޑަގޮޅީގައި ބޭއްވުމަށް ފަހު ނާސިރާ ގޭބަންދަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ، 36 ދުވަސް ވަންދެން ދޫނިދޫގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު ގޭބަންދަށް ބަދަލުކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމާއި ރިޝްވަތުގެ ތުހުމަތުގައި ނާސިރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހުއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރުގެ ދަށުން ނާސިރާ ހައްޔަރުކުރުން ގިނަ ބަޔަކު ސިފަކޮށްފައި ވަނީ ފަނޑިޔާރު އަލީ ހަމީދު މަޤާމުން އިސްތިއުފާ ދެއްވުމަށް މަޖުބޫރުކުރުމުގެ ގޮތުން ސަރުކާރުން ކުރި އަމަލެއްގެ ގޮތުގައެވެ.

ނާސިރާ ގޭބަންދަށް ބަދަލުކޮށްފައި ވާއިރު އޭނާގެ ދެ ދަރިކަލުން ވަނީ އެބޭފުޅުންގެ މަންމާފުޅުގެ ހާލާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ނާސިރާގެ ދެ ދަރިކަލުން ކަމަށްވާ މުހައްމަދު ސަރްފަރާޒާއި އަހުމަދު މިސްފިރު ސޮއި ކުރައްވައި ރޭ ނެރުއްވި ބަޔާނެއްގައި ވަނީ ނާސިރާ އޮޕަރޭޝަނަކަށް ތައްޔާރުވަމުން ދިޔަ ކަމުގެ ލިއުންތައް ފުލުހުންނާ ކުރިން ހަވާލުކުރި ކަމަށް ބުނެފައެވެ.

ނާސިރާ ގޭބަންދަށް ބަދަލުކުރި ނަމަވެސް އަދިވެސް ފަނޑިޔާރު އަލީ ހަމީދު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައެވެ.