ގދ. ގައްދޫގައި މިއަދު ހަވީރު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ގައްދޫން ވާހަކަ ދެއްކި މީހަކު ބުނީ އެކްސިޑެންޓް ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސް ކުރި އުމުރުން ދުވަސްވީ މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ.
މި އެކްސިޑެންޓްގައި މަރުވެފައިވަނީ މުހައްމަދު ޒާހިރު (އާދަމްބެއްޔަ) 70 އަހަރުއެވެ.
ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޝަރީފް މިރޭ "އައްޑޫލައިވް"އަށް ވިދާޅުވީ އާދަމްބެއްޔަ ނިޔާވެފައިވަނީ އެކްސިޑެންޓަށް ފަހު ފަރުވާ ދިނުމަށް ގދ. ތިނަދު އަށް ގެންގޮސް، އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެކްސިޑެންޓްގައި އާދަމްބެއްޔާ ގެ ބޮލުގެ ނާށިގަނޑު ވަނީ ފަޅައިގެން ގޮސްފައެވެ.
މިހާދިސާގައި ސައިކަލުގައި ތިބި ދެ ޒުވާނުންނަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.