ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫން ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވަނީ އިންސާނުން ބޭތިއްބުމަށް އެކަށީގެންވާ ގޮޅިއެއްގައި ނޫން ކަމަށް ފެންނާތީ އެގޮޅިން، ފާރިސް ބަދަލުކުރުމަށް ހޯމް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުގައި އެދިފައިވާނެ ކަމަށް ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ފާރިސްއަށް އަންގާފައިވާ އެކޮމިޝަނުން ހާމަކޮށްފިއެވެ.
ފާރިސްގެ އެދުމުގެ މަތިން ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސާ އަދި އިތުރު ދެމެމްބަރުން މިއަދު ދޫނިދޫ ޖަލަށް ވަޑައިގެން ބައްދަލުކުރެއްވުމަށް ފަހު ދެއްކެވި ވާހަކައާ ގުޅިގެން ފާރިސްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މެމްބަރުން ވަނީ ފާރިސްގެ ގޮޅީގައި ކެމެރާ ހަރުކުރުމަށް ފަހު 24 ގަޑިއިރު ފާރިސް އުޅޭ ނޫޅޭ ގޮތް ބަލަމުންދާ ދިއުމަކީ "ޓޯޗާ" ގެ އަމަލެއް ކަމަށް ދެކޭތީ އެކަން ހުއްޓާލުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުން އަދި ރައީސުލް ޖުމުހޫރިއްޔާގެ އޮފީހުގައި އެދިފައިވާނެ ކަމަށް އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ދޫނިދޫގައި 3 ބުރިއަށް ހަދާފައި ހުރި ގޮޅިތަކަކީ އިރުގެ އަލިކަން ނުލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ގޮޅިތަކަށް ވުމާއެކު، އެގޮޅިތަކުގައި ބަންދުކުރެވިފައިވާ މީހުންނަށް ހަމުގެ ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑުކަމުން އެކަންވެސް ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ފާރިސްއަށް ދަންނަވާފައިވާ ކަމަށް މިބަޔާނުގައި ވެއެވެ.
އަދި އެ ގޮޅިބަރިތަކުގައި ތިބި މީހުން ބޯން ހުރި ފެނަކީ ފާޚާނާ ތެރޭގައި ހުރި އިސްކަރުން ނަގާ ފެން ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިއުމަން ރައިސްޓްސް ކޮމިޝަނުން ފާރިސްއަށް ޒިޔާރަތް ކުރި މެމްބަރުން ބުނެފައިވެއެވެ. އަދި ސާފު ބޯފެން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދިފައިވާނެ ކަމަށްވެސް އެބޭފުޅުން ބުނެފައިވާ ކަމަށް ފާރިސްގެ ފަރާތުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވެއެވެ.
މީގެ އިތުރުން ފާރިސް ކެއުމަށް ގެންނަ ކާތަކެތި ބާލިދީއެއްގައި ގެންނާތީ، އޭގެ ސާފުތާހިރުކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންނަށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި ލިޔުމަށް ގަލަމާއި ކަރުދާސް ފޯރުކޮށްދިނުމަށް އެދުމުން، ސަބަބެއް އެންގުމެއް ނެތި އެކަން ކޮށްނުދެވޭނެ ކަމަށް އެންގި އެންގުން ބަލައި ދިނުމަށްވެސް ފާރިސް ވަނީ އެދިފައެވެ.
ފާރިސް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހުމަތުގައެވެ. ދައުލަތުން ފާރިސްއާ ދެކޮޅަށް ކުރާ މިދައުވާގައި ފާރިސްއާ ދެކޮޅަށް ހުށައެޅި ހެކިވެރިޔާ ވަނީ ކޯޓުގައި ފާރިސްއާ އެއްކޮޅަށް ހެކިބަސް ދީފައެވެ. ފާރިސް ގަބޫލުކުރާ ގޮތުގައި ދައުލަތުން އޭނާއާ ދެކޮޅަށް ކުރާ ދައުވާއަކީ އިންސާފުން ކުރާ ދައުވާއެއް ނޫނެވެ.