ހައްޔަރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު، އަހުމަދު ފާރިސް މައުމޫނަށް ދޫނިދޫ ޖަލުގައި ކެއުމަށް ގެންނަ ތަކެތި ބާލިދީއެއްގައި އުފުލާ ހަދާތީ، އެތަކެތީގެ ސާފުތާހިރުކަމާމެދު އިހުމާލުވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ފާރިސް ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.
ފާރިސްގެ އެދުމުގެ މަތިން ހިއުމަން ރައިސްޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ތިން މެމްބަރުން ދޫނިދޫ ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރެއްވުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ޖަލުގައި ފާރިސްއަށް ކާން ގެނެސްދޭ މީހުންނާއި، ކެއުން އަޅައިދިނުމުގައިވެސް އެއްވެސް ސާފުތާހިރުކަމެއް ނުގެންގުޅޭ ކަމަށް ފާރިސް ވިދާޅުވެފައިވެއެވެ.
އަދި ފާރިސް ބަންދުކޮށްފައިވާ ގޮޅިބަރީގައި ބޯން ލިބެން ހުންނަ ފެނަކީ ފާޚާނާ އިސްކުރުން ލިބެން ހުންނަ ފެން ކަމަށްވާތީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެޗްއާރްސީއެމުން ދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. މިފަދަ ކަންކަމުގެ ބޮޑުކަން، ކަމާ ބެހޭ ފަރާތްތަކަށް އިހުސާސް ކުރެވޭނީ މިފަދަ ފިޔަވަޅެއް އަޅުއްވައިގެން ކަމަށް ގަބޫލުކުރެވޭތީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފެއްޓެވީ ކަމަށް ފާރިސް ވިދާޅުވިއެވެ.
ފާރިސްގެ އިތުރުން، ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމަށްވެސް ބޯން ލިބެންހުރީ ފާޚާނާގައި ބޭނުންކުރާ ފެނަށް ވާތީ އޭނާއަށް ވެސް ތަފާތު ސިއްޚީ މައްސަލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ނަދީމްގެ ވަކީލުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.
އަދި ހައްޔަރުކޮށްފައިވާ ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދަށްވެސް ޖަލުގައި ކެއުމަށް އެއް ދުވަހު ބާލިދީއެއްގައި ބަތާއި ގަރުދިޔަ އެއްކޮށްގެން ގެނެސްފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލުން ވަނީ ހާމަކޮށް، ކަންބޮޑުވުން ފާޅުކޮށްފައެވެ.
މީގެ އިތުރުން ހައްޔަރުކޮށްފައިވާ އެމްޑީޕީ އައްޑޫ ދާއިރާ ރައީސް، އަހުމަދު އަދުހަމަށް ކުނި ކާއެއްޗެހި ދެ ފަހަރެއްގެ މަތިން ކާން ގެނެސްދިން ކަމަށް އޭނާގެ އާއިލާއިން ވަނީ ފާހަގަކޮށްފައެވެ. އަދުހަމް ވަނީ އޭނާ ސިއްހީ ފަރުވާއިން ޖަލުގައި މަހްރޫމް ކުރުމުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ޖަލުގައި ފަށާފައެވެ. ފުލުހުން ވަނީ ހަޅުތާލު ފެށުމުން އަދުހަމަށް ސިއްހީ ފަރުވާ ފޯރުކޮށްދީފައެވެ.